ޔޫކްރައިންގެ ހަނގުރާމަ އަކީ މުޅި ދުނިޔެއާ ގުޅިފައި އޮތް ހަނގުރާމައަކަށް ވާއިރު އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެފްރިކާއިން ހުށަހެޅި ޕްލޭން ބައްލަވާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

2 ދުވަހުގެ މުއްދަތަށް ރަޝިއާގެ އެސްޓީ ޕީޓާސްބާގުގައި ކުރިއަށް ދާ ރަޝިއާ-އެފްރިކާ ސަމިޓުގައި ޕުޓިން ވިދާޅުވީ، އެ ޕްލޭނަށް އިހުތިރާމް ކުރައްވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ތަފްސީލުކޮށް އެ ޕްލޭން ބައްލަވާނެ ކަމަށެވެ.

އެ ޕްލޭންގައި ހުރި ކަންކަމުގެ ތަފްސީލު އެއްވެސް ފަރާތަކުން އަދި ހާމަ ކޮށްފައި ނުވާ އިރު، އެއީ ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ހުށަހެޅި ޕްލޭނަށް ވުރެ ރަޝިއާއަށް ބަލައިގަންނަން ފަސޭހަ ޕްލޭނެއް ކަމަށް އެނަލިސްޓުން ބުނެއެވެ.

ދެދުވަހުގެ ސަމިޓުގައި ޕުޓިން ވަނީ އެފްރިކާ އާއެކު ގުޅުން ވަރުގަދަ ކޮށް، ރަޝިއާއިން އެފްރިކާއަށް ފޮނުވާ ގޮދަނުގެ މިންވަރު އިތުރު ކުރުމާއެކު ކޮންމެ މަހަކު ވަކި އަދަދަކަށް ހިލޭ ގޮދަން ދެއްވާނެ ކަމަށް ވިދާޅުވެއެވެ. އެގޮތުން ކުރިއަށް އޮތް 3-4 މަހަކު، ކޮންމެ މަހަކު 25-50،000 ޓަނާ ދެމެދުގެ އަދަދަކަށް ހިލޭ ގޮދަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުއިން ރަޝިއާއިން ވަނީ ޔޫކްރައިންގައި އުފައްދާ ގޮދަން ކަޅުކަނޑުގެ ތެރެއިން ބޭރުކުރުން ހުއްޓުވާ، ޔޫކްރައިންގެ ގޮދަން އެއްބަސްވުމުން ނިކުމެފައެވެ.

ޔޫކަރައިން ހަނގުރާމައިގެ ފަހުގެ ހަބަރުތަކަށް ބަލާއިރު، ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާ ކޮށް ޖަޕާނުން ވަނީ، ހައިބްރިޑް އަދި އެލެކްޓްރިކް ވެހިކަލް ރަޝިއާއަށް ދިނުން މަނާކޮށްފައެވެ. މި ބަދަލާއެކު އެކި ގައުމުތަކުން ރަޝިއާއަށް އަޅާފައިވާ ފިޔަވަޅުތައް ދެމި އޮތުމުން، އެކި ދާއިރާތަކުން ރަޝިއާއަށް ވަނީ ގޮންޖެހުންތަކާ ކުރިމަތި ވެފައެވެ.

ހަނގުރާމަ ދިގުލައި ދާއިރު، އެމެރިކާއިން ވަނީ، ވަގަށް ސްޕައި ކުރެވޭ ހޯނެޓް ބްރޭންޑްގެ ކުދިކުދި ޑްރޯން ޝިޕްމަންޓެއް ޔޫކްރައިން އަށް ފޮނުވާފައެވެ. މިއީ އެމެރިކާއިން ދޭނެ ކަމަށް ބުނެފައިވާ ހަތިޔާރުގެ ތެރެއިން ބައެއް ކަމަށް ވާއިރު ދާދިފަހުން ދިން ކްލަސްޓާ ބޮންތައް މިހާރު ޔޫކްރައިން ސިފައިން ދަނީ ހަނގުރާމައިގައި ބޭނުން ކުރަމުންނެވެ.

ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ވަރުގަދަ އަށް ހަނގުރާމަ ހިނގަމުން ދާއިރު، ޔޫކްރައިން އިން ވަނީ ޑޮނެސްކް ސަރަހައްދުގެ ވިލެޖެއް ކަމަށް ވާ ސްޓަރޮމައެސްކީ އަނބުރާ ހިފާފައެވެ.