މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަސް އަނިޔާވެރިވެ އަރާރުންވާ ބަޔަކު ކަމުގައި ވަނީނަމަ ނަސްރާއި ކާމިޔާބާއި ހަމައަށް ވާސިލުވުމީ އެ މުޖުތަމައަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ އިސްލާމީ އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ މައްޗަށެވެ.

މުޖުތަމައެއް ބިނާ ކުރުމުގައި އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށް، ހުކުރު ހުތުބާގައި ބުނީ މުސްލިމުންނަން ނަސްރަކަށްފަހު ނަސްރެއް ލިބެމުން އައީ މުސްލިމުންގެ ހިތުގައި އޮތް އީމާންކަމާއި އެބައިމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމީ އުއްމަތް ރޫޅި ބައިބައިވީ އެ ކަންކަން ނެތި ދިއުމުން ކަމަށެވެ.

އެއްބައިވަންތަކަމާއި އަހުވަންތަކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް (އެކަކު އަނެކަކަށް މަލާމަތް ކުރުމާއި ފުރައްސާރަކުުރުން) އިސްލާމް ދީނުގައި މަނާ ކުރައްވާފައިވުމުން އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދީން ބާރު އަޅާ މިންވަރު ހާމާވެގެންދާކަން ހުތުބާގައި ފާގަކޮށްގައިވެއެވެ.

ރަސޫލާ ހަދީސް ކުރައްވައިފައިވާ ގޮތުގައި މުސްލިމުންގެ އެއްބައިވަންތަކަމާއި އަހުވަންތަކަން އޮންނަންވީ ގޮތަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެއީ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅަން ފަށައިފިނަމަ މުޅި ހަޑިގަނޑު ހޭލައި ހުރުމުންނާއި، ހުން އައުމުން އެ ގުނަވަނާ އެއްބައިވަންތަކަން ގާއިމް ކުރާ އުސޫލުންނެވެ.

މީގެ އިތުރަށް މީހުންގެ އުނިކަން ފާޅުކޮށް އެ މީހުންނަށް މަލާމަތް ކުރުމުގެ ބަދަލުގައި މުސްލިމެއްގެ އުނިކަން ފޮރުވައިފި މީހަކަށް މާތް ﷲ އެމީހެއްގެ އުނިކަން ދުނިޔެއާއި އާހިރަތުގައި ވަންހަނާކޮށް ދެއްވާނެކަމަށް ރަސޫލާ ހަދީސް ކުރައްވައިފައިވެއެވެ.

ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރުމާއި އެ މީހަކު ނުރުހޭ ނަން ނަމުން ގޮވައި ހެދުމުގެ އިތުރުން މުސްލިމު އަހާއާމެދު އިތުބާރު ނުހިފޭ ދޮގު ވާހަކަ ފެތުރުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމަށާއި ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ހުތުބާގައި އިތުރަށް ބުނީ ތިމާގެ އަތާއި ދުލުން މުސްލިމު އަހާއަށް ގެއްލުން ނުދިނުމަށާއި މުސްލިމަކީ އަތާއި ދުލުގެ ނުރައްކާތެރިކަމުން އެހެނިހެން މުސްލިމުން ސަލަމާތް ވެގެން ވާ މީހާއ ކަމަށެވެ. އަދި އެއްބައިވަންތަކަން ގާއިމް ކުރުމީ އެމީހެއްގެ ދަރަޖަ މާތްﷲގެ ހަޒްރަތުގައި މަތިވެރިވާ ކަމެކެވެ.