އިސްރާއީލުގެ ގައުމީ ދިފާއީ ބާރުން ގިނަ އަދަދެއްގެ ސިފައިންނާއެކު އަލް އަގްސޯ މިސްކިތައް ވަދެ އިއްޔެ ދިން ކުއްލި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލް ސިފައިންގެ އެ އަމަލުތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި މުސްލިމް އުއްމަތުގެ އެންމެ މާތް އެއް ބިނާ ކަމުގައިވާ އަލް އަގްސޯ މިސްކިތުގެ ކަރާމާތް ނަގާލުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އަލްއަގްސާ މިސްކިތަކީ މުސްލިމުންނަށް ދީނީ ގޮތުން އެންމެ މުހިންމު އެއް ބިނާ ކަމަށްވާއިރު އެ މިސްކިތް ހިމާޔަތްކޮށް ކުރިއަށް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އަގްސޯ މިސްކިތައް ގެއްލުން ދިނުމަކީ ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ވެސް ލިބޭ ދެރައެއް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެކަމުގެ ސަބަބުން ފަލަސްތީނުގެ އަމަން އަމާންކަން ގެއްލިގެންދާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމުން ކަމަށެވެ. އަދި މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރެވިގެންކަން ކަމަށެވެ.

އިސްރާއީލްގެ މިފަދަ އަމަލުތައް ހުއްޓުވުމަށާއި މިކަމާ ގުޅިގެން ބައިނަލްއަގްވާމީ ގާނޫނާއި އިންސާނުންގެ ހައްގުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ދީފައެވެ.

ސަރުކާރާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއިއެކީ ތިބިކަން ހާމަކުރަމުން ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ދައުލަތަށް މިނިވަންކަމާއި އިސްތިގުލާލު ހޯދުމަށް ކުރާ ޝަރުއީ އަދި އިންސާފުވެރި މަސައްކަތަށް ދިވެހި ސަރުކާރުން ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ކޮންމެ އަހަރަކު ވެސް އިސްރާއީލްގެ ސިފައިން އަންނަނީ އަލް އަގްސޯ މިސްކިތަށާއި އެ މިސްކިތުގައި އަޅުކަން ކުރާ މުސްލިމުންނަށް އެކ ވަރުގެ ގެއްލުމާއި އަނިޔާ ދެމުންނެވެ.