މިހާރު ވެސް ހަރަކާތްތެރި ވަމުންދާ ޖަމިއްޔާތަކާއި ކުޅިވަރު ކްލަބުތައް، ޔޫތު މިނިސްޓްރީން އުވާލުމަށް ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި ހިމެނޭތީ އެކަން ބަލާ އިސްލާހު ކުރަން އަންގާފައިވާ ކަމަށް ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއް އުވާލަން ޔޫތް މިނިސްޓްރީން ނިންމާފައި ވަނީ މީގެ ދެ ދުވަސް ކުރިން ކުރި އިއުލާނެއްގައެވެ.

އެކަމާ ގުޅިގެން މަހުލޫފު ވިދާޅުވީ، ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައި ވާކަން އޭނާއަށް ވެސް ފެނިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. އޭގެ ތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކުގެ އިތުރުން ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށެވެ.

ލިސްޓުގައި ހަރަކާތްތެރިކޮށް ހިންގަމުން އަންނަ ޖަމިއްޔާތައް ހިމެނޭތީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބިވަޑައިގެންފައިވާ ކަމަށާއި އަދި އެކަންކަން ބެލުމަށް ދަންނަވާފައިވާ ކަމަށް މަހުލޫފުގެ ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ލިސްޓްގައި ހިމެނޭ ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދި އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރުގެ 24 އަށް އޮންނާނެއެވެ.

އުވާލަން ނިންމާފައިވާ ލިސްޓުގެ ތެރޭގައި ދަ މައުމޫން ފައުންޑޭޝަން، ދަ ބޮޑީބިލްޑިން ފެޑަރޭޝަން އޮފް މޯލްޑިވްސް، ޓީނޭޖް ސްޕޯޓްސް ކްލަބް، ދަ މޯލްޑިވިއަން ފްލައިބޯޑް އެސޯސިއޭޝަން، ސްކޭޓިން އެސޯސިއޭޝަންގެ އިތުރުން ޖަމިއްޔަތުއް ސަލަފް ވެސް ހިމެނެއެވެ.