ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކޮށް 148 ފަރާތަަކަށް މިއަހަރު އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިނާމު ދިނުމުގެ ރަސްމީ ޖަލްސާ މިމަހުގެ 29ވާ ހޮނިހިރު ދުވަހު ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ. އަދި އިނާމު ލިބޭ ފަރާތްތަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނެއެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލްކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެބޭފުޅުންނަނށް ދެއްވާ އިނާމެކެވެ.

ދައުލަތުގެ ފަރާތުން ގައުމީ އިނާމާއި، ހާއްސަ އިނާމު މިހާރުވެސް ދެމުން އަންނަ އިރު، ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ހިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށްފައި ނެތް ކަމަށް ވިދާޅުވެ، މި އިނާމު ދިނުމަށް ނިންމާފައި ވަނީ 2021 ވަނަ އަހަރު އިބްރާހިމް މުހައްމަދު ސޯލިހުއެވެ.