ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ނުކުރަން އެމްއާރްއެމްއިން ނިންމައިފިއެވެ.

އެމްއާރްއެމްއިން މިހެން ބުނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އެމްއާރްއެމްއިނ ދިން ދައުވަތާ ގުޅިގެންނެވެ.

އެމްއާރްއެމްއިން ބުނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ދެއްވި ދައުވަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ނުރަސްމީކޮށް ލިޔެކިޔުމުގެ ޒަރީއާއިން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެމްއާރްއެމްއިން ތާއީދުކުރާ ސިޔާސަތުތައް ހާމަކޮށްފައިވާ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.

އެމްއާރްއެމްއިން ބުނީ އެމްޑީޕީގެ އިސްވެރިންނާއެކު މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހުގެ ރޭ އެމްއާރްއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ހުށަހެޅުންތައް ޕާޓީގެ އެކްސްކޯއަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު އެމްޑީޕީއިން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމްއާރްއެމްއަށް އެއްބަސް ނުވެވޭ ކަމަށެވެ. އަދި އެ ޕާޓިގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދައުވަތަށް ރައީސް ސޯލިހަށާއި އެމްޑީޕީގެ އިސްވެރިންނަށް އެމްއާރްއެމްއިން ވަނީ ޝުކުރުއަދާކޮށްފައެވެ.