ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރުނު ރާއްޖޭގެ 59 ވަނަ މިނިވަންދުވަސް ތަފާތު ގިނަ ކުޅިވަރުތަކާއެކު ކުލަގަދަކޮށް ރޭ ގަލޮޅު ދަނޑުގައި ފާހަގަކޮށްފިއެވެ.

ރޭ ބޭއްވި ހެވިކަމުގެ ހަރަކާތްތަކާއި ޝަރަފްގެ ހިނގާލުން އަދި ކުޅިވަރުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސޮދާ ވެސް ވަނީ ރަސްމީ ދަނޑަށް ވަޑައިގެންފައެވެ.

ޖުލައި 26، 2023 ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަތުރައް

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައިވާއިރު ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސްއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

ޖުލައި 26، 2023 ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަތުރައް

ކުޅިވަރު ހަރަކާތްތައް ހުށައަޅާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ހުޅުމާލެ ޖޫނިއާ އަދި ސީނިއާ ގުރޫޕު، މާލޭގެ ހެންވޭރާއި މާފަންނުގެ ދެ ގުރޫޕު، ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.

ޖުލައި 26، 2023 ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ހަވާ އަރުވަނީ

މީގެ އިތުރަށް ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ރޭ ގައުމީ ސަލާން ވެސް ކުޅުނެވެ. މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޝަރަފްގެ ހިނގާލުމުގައި މާލޭގެ 14 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

ޖުލައި 26، 2023 ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަތުރައް

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ. މިއަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ.