ސޫޓުގެ ބަދަލުގައި ރާއްޖޭގެ ހެދުން ފަރުމާ ކުރާ ޑިޒައިނަރުން ބޭނުން ކޮށްގެން ސަގާފަތް ހިމެނޭ ހެދުމެއް ޑިޒައިން ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، މިނިވަން ދުވަހާ ގުޅުވާ މިނިވަން ވުން މާނަ ކުރައްވަމުންނެވެ. ފައްޔާޒް ވިދާޅުވީ، ހަގީގަތުގައި ވެސް މިނިވަން ވުމަކީ ރާއްޖޭގައި ކޯޓު ފަޓްލޫނު ލައި ޓައި އަޅައިގެން އުޅުން ނޫން ގޮތެއް ފެނިގެން ދިއުން ކަމަށެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަންގައި ރާއްޖޭގެ ހުނަރުވެރި ޑިޒަރުން ބޭނުން ކޮށްގެން ދިވެހިންގެ ސަގާފަތް ހިމެނޭ ގޮތަށް ވިސްނުންތެރި ރަސްމީ ހެދުންތަކެއް ފަރުމާ ކުރަން އުންމީދު ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފަހަރެއްގައި އެ އުންމީދު ހާސިލް ކުރުމަށް މުބާރާތެއް އިންތިޒާމް ކުރުމުން ވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަނީ 1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން، ޖުލައި 26، 1965 އާ ހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމުންނެވެ. އިނގިރޭސީންގެ އަތްދަށުން ސަލާމްތްވި ކަމުގައި ވިޔަސް އިނގިރޭސީންގެ ފަރާތުން އާންމު ވި ހެދުމެއް މި އަންނަނީ ދިވެހިންގެ ތެރޭގައި ބޭނުން ކުރަމުންނެވެ.
ރަސްމީ ހެދުންތަކުގެ ތެރެއިން ދިވެހި އަންހެނުން ސަގާފީ ހެދުމުގެ ގޮތުގަައި ދިގު ހެދުން ލިޔަސް ފިރިހެނުން ލައި އުޅެނީ ރަސްމީ ހެދުމެއްގެ ގޮތުގައި ކޯޓު ފަޓްލޫނެވެ.
ކޯޓު ފަޓްލޫނަކީ ދިވެހިންގެ ސަގާފީ ހެދުމެއް ނޫނެވެ. އެއީ އިނގިރޭސި ވިލާތުގައި 17 ވަނަ ގަރުނުގައި ބޭނުން ކުރަން ފެށި ހެދުމެކެވެ. އަދި އެ ހެދުން ވަނީ ދުނިޔޭގެ ފެންވަރުގައި ރަސްމީ ހަފްލާތަކުގައި ފިރިހެނުން ލާ ހެދުމަކަށް ވެފައެވެ.