ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާނުކޮށް، އެމްއާރުއެމުން ޕްރައިމަރީ އަށް ހުޅުވާލައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެމްއާރުއެމުން ބުނީ، އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހަންދެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީން ކުރި އިއުލާނުގައިވާ ގޮތުން، ޕްރައިމަރީގައި ވާދަކުރެވޭނީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަހަރެއް ވެފައިވާ، ޕާޓީގެ އިގުރާރުގައި ސޮއިކޮށް ހުށަހަޅާ ފަރާތްތަކަށެވެ. ހަމަ އެއާއެކު، މި މަހުގެ 31 ގެ ހަވީރު 4 ޖެހުމުގެ ކުރިން، ކަމާބެހޭ މުއައްސަސާތަކުން ސާފުކުރަން ޖެހޭ މައުލޫމާތުތައް ސާފުކޮށް، ލިޔެކިއުންތަކުގެ ކޮޕީ ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އިއުލާނުގައި ވަނީ، އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް އެކުލަވާލައިފައެވެ. އެގޮތުން އޮންލައިންކޮށް ކުރިއަށް ގެންދާ އެ ޕްރައިމަރީގެ ވޯޓުލުން އޮތީ އަންނަ މަހުގެ ފުރަތަމަ ދުވަހުގައެވެ.

އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައި ވަނީ، އިންތިހާބަށް އެއް ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ އާ އެކު މިއަދު މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ހުޅުވާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ މުއްދަތު އަންނަ މަހުގެ ހަތްވަނަ ދުވަހަށް ހަމަވާނެއެވެ.