ރަޝިއާއިން ޔޫކްރައިން އަށް އެރިތާ 2 އަހަރާ ގާތްވަމުން އަންނަ އިރު، ހަނގުރާމައިގެ ކުރީ ސަފުގައި ހިނގާ ކަންކަން މީޑިއާ ތަކަށް ތިލަވުމަކީ ވަރަށް ނާދިރު ކަމެކެވެ. ދެފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި މަރުވާ މީހުންނާއި ޒަހަމްވާ މީހުންގެ ވާހަކަތައް އެއްގޮތަކަށް ވެސް ނީވެއެވެ.
ބީބީސީ އާއި ސީއެންއެން އިން ގެނެސްދިން ދެ ރިޕޯޓަކަށް ބަލާއިރު، ހަނގުރާމައިގެ ކުރީސަފުގައި ސިފައިން ތަހަންމަލް ކުރަމުން ދަނީ އާދަޔާ ހިލާފު ވޭނާއި އަނިޔާތަކެވެ.
އެފަދަ އެއް ހާދިސާއެއްގައި އެކަކުގެ ގަޔަކަށް ދެފަހަރެއްގެ މަތިން ވަޒަން އަރާ، 3 ވަނަ އަހަރު އަތުބޮމެއް ގޮވައި 5 ގަޑިއިރަށް ލޯއަނދިރި ވިއެވެ. ރިޕޯޓްތައް ބުނާގޮތުން ފުރަތަމަ ފަަހަރު ވަޒަން އަރައިގެން ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އަނެއްކާ ފޮނުވީ ކުރީ ސަފަށެވެ. ދެވަނަ ފަހަރަށް ވެސް ވަޒަން އެރުމުން ފަރުވާ ދީ ފޮނުވިއެވެ. ހަނގުރާމަ އާ ވަކިވާން ޖެހުނީ 3 ވަނަ ފަހަރު ގޮވި ބޮމެއްގައި އޭނާގެ ދެލޯ އަނދިރިވީމައެވެ.
ދެވަނަ މީހަކީ ޑްރަގްގެ ކުޑަކުޑަ މައްސަލައެއްގައި ޖަލަށް ލީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. ރަޝިއާގެ ސިަފއިންނާ ބައިވެރިވެ ހަނގުރާމަ ކުރަން ދާން ވޮލަންޓިއާ ކޮށްގެންނާއި ނުކޮށް [ސަރުކާރުގެ ބާރުން] ފޮނުވި މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. ޖަލުގައި ހުންނަތާ 3 އަހަރު ފަހުން ހަނގުރާމައަށް ދާން ފުރުސަތު ލިބުމުން ދިޔައީ، ހަނގުރާމައިން ސަލާމަތްވެގެން އެނބުރި އަތުވެއްޖެ ނަމަ ކުރި ކުށް މައާފު ކޮށްދޭން ރަޝިއާ ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ދަށުންނެވެ. އެއްވެސް ޓްރެއިން އެއް ނުދީ އޭނާވެސް ފޮނުވީ ކުރީ ސަފަށެވެ.
އެއީ ނާޒީން ބަލިކުރި ދުވަހުގެ ރަސްމިއްޔާރު ރަޝިއާގެ ރެޑް ސްކެއާގައި ބޭއްވި ދުވަހެވެ. އެ ޒުވާނާ ހަނގުރާމައަށް ދިޔަތާ 3 ހަފްތާ ވީ ދުވަހެވެ. ޔޫކްރައިންގެ ހަމަލާތަކުގައި އެދުވަހު މަރުވި 60 މީހުންގެ ތެރޭގައި އެ ޒުވާނާވެސް ހިމެނެއެވެ. ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިން އެ ދުވަސް ފާހަގަ ކުރެއްވީ، ޖަރުމަނުގެ ނާޒީންނާ ކުރި ހަނގުރާމައިގައި ރަޝިއާ މޮޅުވި ދުވަހުގެ އުފާ އިހުސާސް ކުރެއްވި ދުވަހެއްގެ ގޮތުގައެވެ.
މި ދެ ވާހަކައިން ވެސް އެނގޭ އެއްކަމަކީ، ހަނގުރާމައިގެ ކުރީ ސަފުގައި ހިތްދަތި އެތައް ކަމެއް ހިނގަމުން ދާ ކަމެވެ. ހަމައެހެންމެ އަނެއް ކަމަކީ މަރުވި ކޮންމެ މީހަކީ ކުށްވެރިން ކަމެކެވެ. ޖަލު ހުކުމުގައި ހުރެ މިނިވަން ކާނެ ކަމުގެ ހުވަފެނުގައި ހަނގުރާމައަށް ދިޔަ ކުށްވެރިން ކަމެވެ.
ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދުތައް މަތިވަމުން ދިޔަ ދިރު ރަޝިއާއިން ވަނީ ހަނގުރާމައަށް ދާން ބޭނުންވާ މީހުން ތަމްރީން ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގާފައެވެ. އެއީ ސިފައިންނާއެކު ހަރަކާތްތެރިވާނެ ހަތިޔާރު އެޅި ޖަމާއަތެކެވެ. އެ ޕްރޮގްރާމް ހިންގީ ދާދި ފަހުން މޮސްކޯ ހިފަން މަސައްކަތް ކުރި ވާގްނާ ޖަމާއަތާ ހަވާލު ކޮށްގެންނެވެ. އެ ޖަމާއަތުގެ ކޮމާންޑަރު ޕްރިގޯޒިން އަކީ 2014 ވަނަ އަހަރު ރަޝިއާއިން ކްރިމިއާ ހިފި އިރު އެތާނގައި ޕުޓިން އުފެއްދެވި ޕެރަމިލިޓަރީ ޖަމާއަތެކެވެ.
ސީއެންއެން އިން ބުނީ، މިހާދިސާގައި ބަޔާންކޮށްފައި ވާ ދެމީހުންގެ ތެރެއިން 20 އަހަރުގެ ޒުވާނާގެ މަންމައާއި ލޯ އަނދިރިވި މީހާއާ ވާހަކަ ދައްކާ ހާދިސާގެ ތަފްސީލުތައް ހޯދާފައި ވާކަމަށެވެ. މިތަނުން ލޯއަނދިރި މީހާ އާއިލާގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި މިހާރު 2 ވަޒީފާއެއް އަދާ ކުރަމުން ދާ ކަމަށާއި އުއްމީދު ކޮށްގެން ހުރީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނެ ދުވަހަކަށް ކަމަށެވެ. އޭނާ އާ ހަވާލާދީ ސީއެންއެއްގައި ވަނީ، ހަނގުރާމައިގެ ތެރޭގައި އުޅެނިކޮށް ގޮބި ބިމުގެ ސަބަބުން ލިބުނު ޝޮކްގެ އަސަރު އަދިވެސް ނުފިލާ ކަމަށާއި ރޭގަނޑުގެ ހަމަ ނިދިން މަހުރޫމް ވެފައި ވާ ކަމަަށެވެ.
އޭނާ ބުނީ މައިދާނުގައި އުޅުނު އިރު ފައިބުޑަށް 9 އުންޑަ ވެއްޓި ގޮވި ކަމަށާއި އެއިން ކޮންމެ ފަހަރަކު ހެއަށް ގޮތް ވެގެން ދިޔަ ކަމަަށެވެ. އަށެއްކަ މަސް ތެރޭގައި 9 އެތިފަހަރު އެރި އިރު، ދެން އެރީ ފަޔަށް ވަޒަނެކެވެ. 10 ދުވަހުގެ ފަރުވާ އަށް ފަހު އަނެއްކާ މައިދާނަށް ފޮނުވި ކަމަށާއި ދެވަނަ ފަހަރު ވަޒަން އެރީ ކޮނޑަށް ކަމަށް ބުނެފައި ވެއެވެ. މައިދާނުގައި މީހުން މަދުވެ 2 މަސް ފަހުން އަނެއްކާ އޭނާ މައިދާނަށް ފޮނުވި ކަމަށާއި އެފަހަރު ހަވާލުވީ ރެޑިއޯ ސެޓް ބެލެހެއްޓުމުގެ މަސައްކަތް ކަމަށެވެ. ހަމަލާތަކުން ދިފާއުފާ ބްލަޓް ޕްރޫފް ވެސްޓްވެސް ހަމައަށް ނުލިބި ލައްކަ ހާލުގައި އުޅުނު ކަމަށް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ، އެނާ ހިމެނުނު ސްކޮޑްގައި 600 މީހުން ތިބި ކަމަށާއި ސަލާމަތް ވީ އެންމެ 170 މީހުން ކަމަށެވެ. އެ އެންމެންވެސް ތިބީ އެކެއް، ދޭއް އަދި ބައެއް މީހުން 5 ފަހަރަށް ޒަހަމްވެފައި ކަމަށެވެ.
އޭނާ ބުނީ މިދިޔަ މަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމާ ހަމައަށް އެ ހަމަލާއަށް ފަހު ދެން މަސައްކަތް ކުރީ ހަނގުރާމައިގައި މަރުވެ އަދި އަނިޔާވާ މީހުން ގެންނަ ހޮސްޕިޓަލެއްގައި ކަމަށާއި އެތާނގައި އެތައް ސަތޭކަ ހަށިގަނޑެއް އެއްތަނުން އަނެއް ތަނަށް އުފުލާފައި ވާނެ ކަމަށެވެ.
އޭނާ ބުނީ، ހަނގުރާމައިގެ އެ މައިދާނުގައި ތަޖުރިބާ ކުރި އެތައް ހާދިސާއެއްގެ ތެރެއިން ހިތާމަވެރި އެއް ހާދިސާ އަކީ، ކޮމާންޑަރަކަށް ހުރި މީހާ، އޭނާގެ އަމުރަށް ކިޔަމަން ނުވި ސްކޮޑްގެ 4 މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލި ހާދިސާ ކަމަށެވެ. އެއީ ކޮންބައެއްކަން ނޭނގޭ ކަމަށް ބުނަމުން އޭނާ ބުނީ ކޮމާންޑަރުގެ އޯޑަރަށް ކިޔަމަން ނުވެ އެމީހުން އުޅުނީ ފިލަން ކަމަށާއި އެއާއެކު އެމީހުންގެ ބުރަކައްޓަށް ބަޑިޖަހާ މަރާލި ކަމަށެވެ.