އެކަކުގެ ނަން މަތީގައި ސިމް ނެގޭ އަދަދު ލިމިޓުކޮށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ގަވާއިދެއް ނެރެފިއެވެ.

ކޭމް އިން ނެރުނު ގަވާއިދުގައިވާ ގޮތުން ދިވެއްސަކަށް ގިނަވެގެން ދޫކުރެވޭނީ ގިނަވެގެން 10 ނަންބަރެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޓޫރިސްޓުންނަށް ގިނަވެގެން ދޫކުރެވޭނީ ތިން ނަންބަރެވެ. އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްނަމަ ދޫކުރެވޭނީ ގިނަވެގެން 10 ނަންބަރު ކަމަށް ގަވައިދުގައި ބުނ ނަމަވެސް އަމިއްލަ ފަރުދެއްގެ ވިޔަފާރިތައް ފިޔަވައި ގާނޫނީ އެހެން ޝަހުސުތަކަށާއި ދައުލަތުގެ އިދާރާތަކަށް ނަންބަރު ދޫކުރުމުގައި މި ގަވާއިދުގައި ލިމިޓެއް ކަނޑައަޅާފައިނުވެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ނަންބަރު ބޭނުންކުރާ މީހުން ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ނަންބަރުގެ އަދަދު އިހުތިޔާރުކޮށް އިތުރުވާ ނަންބަރުގެ ހިދުމަތް ކަނޑާލުމަށް ސާވިސް ޕްރޮވައިޑަރަށް ހުށަހަޅަން ޖެހެއެވެ.

އެ މުއްދަތުގެ ތެރޭގައި އެގޮތަށް އަމަލުނުކުރާ މީހުންގެ ނަންބަރުތައް މި މުއްދަތު ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ސާވިސް ޕްރޮވައިޑަރަށް ފެންނަ ގޮތެއްގެ މަތީން ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށް މަދުކޮށް އިތުރުވާ ނަންބަރުތަކުގެ ހިދުމަތް ކަނޑާލެވޭނެއެވެ.

ގަވާއިދުގެ ދަށުން ސިމް ދޫކުރެވޭނީ ކޭމް އިން މޯބައިލް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށެވެ.

ގަވާއިދާ ހިލާފު ކަމެއް ސާވިސް ޕްރޮވައިޑަރަކު ނުވަތަ ސާވިސް ޕްރޮވައިޑަރުގެ އޭޖެންޓަކު ކޮށްފިނަމަ ފުރަތަމަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީ އެކަން އަންގަންޖެހޭނެ އެވެ. ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު އެކަން ރަނގަޅުކުރުމަށް އަންގައި 10،000 ރުފިޔާ ޖޫރިމަނާކުރާއިރު ތިންވަނަ ފަހަރު އެކަމެއް ރަނގަޅުކުރުމަށް އަންގައި 20،000 ރުފިޔާ ޖޫރިމަނާކުރާނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ ފަހުން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 50،000 ރުފިޔާ ޖޫރިމަނާ ކުރުމާއެކު ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެން އެއް މަސް ފަހުންނެވެ.

ސިމް ކާޑު ބޭނުންކޮށްގެން ސްކޭމް ކުރުމާއި އެނޫންވެސް ނޭދެވޭ އަމަލުތައް ކުރަމުންދާއިރު، ރާއްޖޭގައި ސިމް ކާޑު އެންމެ ގިނައިން ނަގާފައިވަނީ ބިދޭސީންގެ ނަމުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި 25،000 ސިމް ނަގާފައިވާ ކަމަށާއި އަދި ގިނަ ސްކޭމް ހިންގަނީ މި ސިމްތަކުން ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީ ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން ކަމަށެވެ. އެއީ ކުރިން ރާއްޖޭގައި އުޅެފައި ނަމަވެސް މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ.