އެއީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިން އިވެންޓެކެވެ. ލަބީބުގެ ޒުވާން ކަމާއި ތޫނުފިލިކަމުގެ ތަފާތު ވިދާޅުވާން އެ ޕާޓީގެ ރޫހާނީ ލީޑަރު، ރައީސް މުހައްމަދު ނަޝީދު ދެއްކެވީ ހެއްވާ ވާހަކަފުޅެކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ކުރައްވަނީ ޒުވާން ލަބީބު ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ގެންދަވަމުން ގޮސް ވަކި ހިސާބަކުން ފެއްޓެވީ މުޅިން އެހެން ވާހަކައެވެ.

ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ހިތުގެ އާލާސްކަންފުޅާ ވެސް އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހު މުސްކުޅިފުޅު ވެއްޖެ ކަމަށާއި "ޑިލޭވެފައި" ހުންނަ ކަމަށް ދޭހަވާ މޭރުމަކުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެ މިސާލު ގެންނެވީ ދިއްދޫގައި ދަމާފައި އޮތް ބެނާއެއްގައި އޮތް އިބާރާތަކަށް އިޝާރާތް ކުރައްވައެވެ. އެ ބެނާގައި އޮތީ "ދިއްދޫގެ ޕްރޮޖެކްޓަކަށް ހުރީ ޑިލޭ ސްޕްރޭ ޖަހާފަ" ކަމަށެވެ. ޑިލޭ ސްޕްރޭ އަކީ އަނބިފިރިކަމުގެ ގުޅުމުގައި މާ އަވަސް ވާތީ ޑިލޭ ކުރަން ޖަހާ ސްޕްރޭ އާ ގުޅުވައި ދިވެހިންގެ ތެރޭގައި އެ ލަފްޒު ބޭނުން ކުރާ ގޮތަށް ކޮށްފައި އޮތް އިޝާރާތެކެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވަން އޮތީ، މަނިކުފާނުވެސް މުސްކުޅިވި ވާހަކައޭ އަޅުގަނޑު މިދަންނަވަނީ، --- އެވެސް ދިއްދޫ މީހުން ބުނީ، ޑިލޭ ސްޕްރޭ ޖަހާފައޭ ހުރީ، ފާސްޓް ސްޕްރޭ އަކީ ޒުވާންކަން"
ރައީސް ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ، "---ވެރިކަމަކީ ޒުވާންކަމުގެ ރޫހެއް، އެއީ ޒުވާން ކަމާއެކީގައި އަޅުގަނޑުމެނަށް ކޮށްދެވޭނެ މަސައްކަތެއް، ޓެކްސްގެ ނިޒާމާއި އިޖުތިމާއީ ރައްކާތެރި ކަމާއި ދަތުރުފަތުރު ކުރުމުގެ ނިޒާމާއި ފްލެޓް ދޮންބެއާއި މި އެންމެ ކަންކަމަކީ 50 އިން މައްޗަށް އަޅާލީމައި ދެން އަލުން ވިސްނައިގެން ގެނެވެން ހުރި ކަންކަމެއް ނޫން" ކަމަށެވެ.

ރައީސް ސޯލިހަށް އަމާޒު ކުރައްވައި ނަޝީދު އެވާހަކަ ދެއްކެވި އިރު، ނަޝީދާ ގުޅުވައި އާންމުން ދައްކާ ވާހަކައެއް ވެސް އޮވެއެވެ. އެއީ ގަންޖާ ބޯ ވާހަކައެވެ. މަލާމާތުގެ ގޮތުން ވިޔަސް އާންމުން އެވާހަކަ ދައްކަނީ، ރައީސް ނަޝީދަށް އަމާޒު ކޮށެވެ. އެކިއެކި މީހުންނާ ދިމާއަށް މަލާމާތުގެ ގޮތުން ނުވަތަ އެމީހާ ދައްކޮށްލުމުގެ ގޮތުން ވަނަން ބޭނުން ކުރާ އިރު ރައީސް ނަޝީދު އަމިއްލަފުޅަށް ވެސް ވަނީ އެމަނިކުފާނާ ދިމާއަށް މީހުން "ގަންޖާ ބޯ" ކިޔާކަމަށް ވިދާޅުވެފައެވެ.

އަބަދަކު އެންމެން ހަމައިގައި ތިބެން ޖެހޭ ކަމަށް ގާބޫލު ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި ނަޝިދު، ރައީސް ސޯލިހަށް އަމާޒު ކުރައްވައި އެކި ޕޯޑިއަމް ތަކުގައި އެކި ވާހަކަ ވިދާޅުވަމުން ގެންދަވާ އިރު އެކަން ކުރައްވަނީ ރައީސް ސޯލިހު ބަލިކޮށްލެއްވުމުގެ ބޭނުމުގައި ކަމަށް ގަބޫލު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

ރައީސް ނަޝީދަށް އަމާޒު ކުރެވޭ ވަނަންތަކާއި ނަޝީދާ ގުޅުވައި އާންމުން ދައްކާ ވާހަކަތަކުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާ ގުޅުވާވެސް އެފަދަ ވާހަކަތައް ދައްކައެވެ. ވަގު އިލްޒާމު އެޅުވުމާއި "ރާގޮނޑި ރާޖާ" އެއް ކަމަށް ކިޔައެވެ. ހަމަ އެގޮތަށް ރައީސް މައުމޫނާ ގުޅުވާވެސް ލައްކަ ވާހަކަ ދެއްކިއެވެ. "ގޮޅާ ބޯ" ގޮވައި "ބޯގޯސް ވެފައި" ހުރި ކަމަށް ކިޔާ ހެދިއެވެ.

ދިވެހިރާއްޖޭގެ ކަންކަން ހުރި ގޮތުން، އާންމުން އުޅެން ޖެހިފައިވާ ގޮތުން މުސްކުޅިޔަސް އަދި ޒުވާނަސް ބޭސް ކާން ނުޖެހޭ މީހުން މަދެވެ. އަނގަޔާއި އަތާ ދިމާ ނުވެ އަނބިދަރީންނަށް ކާއެތިކޮޅު ހޯދައި ދިނުމަށާއި ލޯނެއް އޮތިއްޔާ އެ ނަގަން ނުޖެހި ފަރެޖެއްސޭން ނެތުމާއި ކިޔައިވައިގެން އޭ ފާހާއެކު ސްކޫލު ނިންމިޔަސް ވަޒީއެއް ލުބެން ނެތުމާއި ލިބޭ އެއްވަކުން ދެކޮޅު ޖެއްސެން ނެތުން ފަދަ ކިތަންމެ ކިތަންމެ ކަމެއްގައި އާބާދީގެ ބޮޑުބައެއް އުޅެން ޖެހެނީ "މުށެއްގެ ބޭސް" އަތަށް އަޅައިގެންނެވެ. ލޭގެ ޕްރެޝަރު މައްޗަށް ދާން ނުޖެހޭ އުމުރުގައިވެސް ލޭ ހުންނަނީ އަބަދުވެސް މަތީގައެވެ. ކާން ބޯން ލިބެނީ ކެމިކަލުން ފޯކޮށްފައި ހުންނަ ތަރުކާރީ އާއި މޭވާއެވެ. ފިޒީ ޑްރިންކްތަކާއި ފެޓީ ފްޑްތަކެވެ. ތެލާއި ހަކުރާއި ލޮނާ ހެދި ޒުވާން އުމުރުގައިވެސް އުޅެންޖެހިފައި ވަނީ ހޮސްޕިޓަލްތަކުގެ ކިޔޫގައެވެ.

ޒުވާންކަން ދަމަހައްޓައި ހެޔޮ ސޮއްހަތެއްގައި ހުރުމަށް ގަވައިދުން ކަސްތަރު ކުރާ މީހުންނަކީ އާބާދީގެ ނިސްބަތުން މަދު ބައެކެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ލަބީބަކީ އެފަދަ އެއް މިސާލެވެ. ގަވައިދުން ދުވެ ހައްދަވާ އަދި ކަސްތަރު ކުރައްވައެވެ.

"ތިބޭފުޅުންނަށް މި ދަތުރުތައް ފަށާލީމައި ތަފާތު ފެނިވަޑައިގަންނަވާނެ. އިލްޔާސް ލަބީބާއި ރައީސް ސޯލިހާ ހާއްސަކޮށް އެނގިވަޑައިގަންނަވާނެ،"
ރައީސް ނަޝީދު

ލަބީބުގެ ޒުވާން ކަމާއި ލަބީބުގެ ގާބިލުކަން ހާމަކޮށްދެއްވަން ނަޝިދު އިތުރަށް ވިދާޅުވީ، "ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާނީ މިހާރު ރާއްޖޭގައި މި އުޅޭ ސިޔާސީ ބޭފުޅުންގެ ތެރެއިން ބެލެންސް އޮފް ޕޭމަންޓަކީ ކޮބައިތޯ ޑެފިސިޓަކީ ކޮބައިތޯ އިންފްލޭޝަން މިއީ ކިހިނެއް ވާ ކަމެއް ތޯ އިންޓަރެސްޓް ރޭޓް ބަދަލުކުރީމާ ދެން ސޭވިންސް އަށް ވާނީ ކިހިނެއްތޯ ސޭވިންސް އަކީ ކޮބައިކަން އަދި ކުންފުންޏެއްގެ ޕްރޮފިޓް ލޮސް އެކައުންޓަކީ ކޮބައިކަން ބެލެންސް ޝީޓަކީ ކޮބައިތޯ އަން އެމްޕްލޯއިމަންޓަކީ ކޮބައިކަން ދަރަންޏަކީ ކޮބައިތޯ އަދި ޓެކްސް ޔީލްޑްގެ ވާހަކަ ދެއްކޭނީ ހަމައެކަނި އިލްޔާސް ލަބީބަށް،" ކަމަށެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ނަޝީދު ކުރިމަތި ނުލެއްވީ، ހޮވިވަޑައިގެން ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަ ކުރައްވައިގެން އެމްޑީޕީގެ އެތެރޭގެ ޕްރިމަރީގައި ލިބިވަޑައިގެންނެވި ލަނޑު އަލުން ލިބިވަޑައިނުގެންނެވުމުގެ ބޭނުމުގައި ކަމަށް ފެނެއެވެ.

ޑިމޮކްރެޓްސްގެ ޅަ ކަމާއި، އެމްޑީޕީ "ރޫޅާލައި" މެންބަރުންތައް ޑިމޮކްރެޓްސް އަށް ގެންދަވާނެ ކަމަށް ނަޝިދު ވިދާޅުވި ނަމަވެސް ކަށިކެޔިގަނޑުގެ ވައްތަށް ލުހިގެން ދާހެން އެމްޑީޕީ ރޫޅި ޑިމޮކްރެޓްސް ބޮޑުވާތަނެއް އަދި ނުފެނެއެވެ.

ރައީސް ނަޝީދަކީ ހާޒިރު ޖަވާބު ދެއްވުމާއި މުނާސަބު ވާހަކަތަކުން މެންބަރުންގެ އިހުސާސްތަކާ ކުޅެލައްވަން ދެނެވަޑައިގަންނަވާ ލީޑަރަކަށް ވާއިރު ވަކިވަކިން ރަށްރަށަށް އަދި ދޮރުން ދޮރަށް ހިންގަވާން ފެއްޓެވުމުން މަންޒަރަށް ބަދަލެއް އަތުވެދާނެއެވެ.

ނަމަވެސް އެއީ އުމުރުގެ ތަފާތެއް އޮތަސް ބޭސް ކައި ބޮއެ ހަދަން ނުހެޖި ފަރުޖެއްސޭން އޮތް ކަމެއް ނޫނެވެ.