"އަޅުގަނޑުމެން [ޒުވާނުން] މި ތިބެނީ އަވަދިވެފަ އިނގޭތޯ، އަވަދިވެފަ!" މިއީ އަލަށް އުފެއްދި "ދަ ޑިމޮކްރެޓްސް"ގެ ޕޯޑިއަމްގައި އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށްވާ ހަމްދާ މުހައްމަދު ދެއްކި ވާހަކައިގެ ކުޑަކުޑަ މިންވަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ އިސްވެރިން އަދި އެ ޕާޓީގެ ސަޕޯޓަރުންގެ ކުރިމަތީގައި ހަމްދާ އޮއްސާލި ކަންބޮޑުވުންތަކަކީ ފަހަރުގައި އެންމެ މުއްސަނދި، ނުވަތަ އެންމެ މަތީ ފަންތީގެ މީހުންނަށް އިހުސާސްކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ މިއީ މި ގައުމުގެ ހުންގާނާ މާދަމާ ހަވާލުވާން ތިބި ޒުވާނުންގެ ހާލަތެވެ.
ވާހަކަ ފަށަމުން ހަމްދާ އެންމެ ފުރަތަމަ ކުރި ސުވާލަކީ، ރާއްޖެ އެހާ ފުދުންތެރި، "ސްޓޭބަލް" ގައުމަކަށްވީ ކޮން ގޮތަކަށްތޯއެވެ. ރާއްޖެއަކީ ފުދުންތެރި ގައުމެކޭ ބުނަނީ ކޮން ގޮތަކަށް ބެލުމަށްފަހުގައިތޯއެވެ.
އެއަށްފަހު، ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހަމްދާ ތަފްސީލުކޮށްދޭނެ ފެށިއެވެ. އެންމެ ފުރަތަމަ ވެސް ހަމްދާ އަލިއަޅުވާލީ ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. އޭނާ ކިޔައިދިން ގޮތުގައި، ޒުވާނުން ބޮޑުވެފައި ތިބީ އާއިލީ މައްސަލަތަކާއި ހިތްހަމަނުޖެހުންތަކުގެ ތެރެއިން، އާއިލީ ލޯތްބަކީ ކިހާ މުހިންމު ލޯތްބެއްކަން ގަބޫލުކުރަން ދަތިވާ ޒާތަކަށެވެ. ހަމްދާ ބުނި ގޮތުގައި، ކައިވެންޏެއް ނުވަތަ އާއިލީ ގުޅުމެއް ދަމަހައްޓާނެ ހަކަތައެއް މިއަދު ޒުވާނުންގެ ނެތެވެ.
ހާލަތުގެ ގޮތުން ގިނަ ޒުވާނުން މިއަދު ތިބެނީ އަމިއްލަ އަށް ނުވަތަ ރައްޓެހި ކުދިންނާ އެކު ތަނެއް ކުއްޔަށް ހިފައިގެން ކަމަށާއި، ނަމަވެސް ދިރިއުޅުމުގެ އަގު އިންތިހާ އަށް ބޮޑުވެ، ހަރަދު ބަރަދުތައް ބެލެހެއްޓުމަށް ދެ ތިން ވަޒީފާ އެއް އަދާކޮށް އަމިއްލަ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށާއި، އެވަރުން ވެސް ޒުވާނުންނަށް ހަރަދުތައް ބެލެހެއްޓުން ދަތިވެފައިވާ ކަން ހަމްދާ ފާހަގަކުރިއެވެ.
"ކިޔަވަން ކޮލެޖަށް ވެސް ދާން އެބަޖެހޭ، އެސައިންމަންޓްތައް ނިންމަން ވަގުތު ވެސް ހޯދަން އެބަ ޖެހޭ،" އޭނާ ބުންޏެވެ.
މި ހުރިހާ ކަމަކާ މެދު ވިސްނާ ވިސްނާ ޒުވާނުން ތިބީ ވަރުބަލިވެފައި ކަމަށާއި، އެގޮތުން އާއިލީ ގުޅުންތަކަށް ވަގުތު ނުދެވި، ކުދިކުދި ކަންކަމާ ރުޅި އާދެވޭ ކަމަށް ހަމްދާ ކިޔައިދިނެވެ. އޭނާ ސިފަކުރި ގޮތުގައި، ކޮންމެ ދުވަހެއް ވެސް ދަނީ ދިރިހުރެވޭތޯ ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ.
މިފަދަ ކަންކަމުގެ ސަބަބުން ޒުވާނުން ދިރިއުޅުން މަތިން ފޫހިވެފައިވާ ކަން ހަމްދާގެ ވާހަކައިން ސާފުވިއެވެ.
ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ ހުރަސްތަކުގެ މައްޗަށް ވެސް ހަމްދާގެ ވާހަކައިގައި އަލިއަޅުވާލިއެވެ. މިގޮތުން ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދައި އެފަދަ ގާބިލިއްޔަތު ކަމެއް ޒުވާނުންގެ މެދުގައި ނެތް ކަމަށް ސިފަކުރަމުންދާ ކަމަށާއި، އެކަމަކު ޒުވާނުންނަށް މިހެން ވަނީ ކީއްވެކަން ހަމްދާ ދެއްކި ވާހަކައިން ސާފުވެއެވެ.
އެއަށްފަހު، ހަމްދާ ފާޅުކުރި ކަންބޮޑުވުމަކީ ވިހަން ބޭނުންވާ އަންހެނުން މަދުވެ، އާއިލާ ބިނާކުރަން ބޭނުންވާ ޒުވާނުންގެ އަދަދު މަދުވެ، ރާއްޖޭގެ އާބާދީ ދަށަށް ދިއުމުގެ ކަންބޮޑުވުމެވެ.
ސަރުކާރެއް ކާމިޔާބު ވާނީ ހަމްދާ ކިޔައިދިން ގޮތުގައި، ހުރިހާ ރައްޔިތުންނަށް ހިތްހަމަޖެހޭނެ ސިޔާސަތުތައް އެކުލަވާނުލެވުނު ކަމުގައި ވިޔަސް، ހުރިހާ ރައްޔިތުންނަށް ގެއްލުން ނުވާނެހެން ސިޔާސަތުތައް އެކުލަވާލައި، އަމިއްލަ ފައިދާ އަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެންނެވެ.
ގައުމެއްގެ ނިންމުންތަކަކީ އެއް ނިންމުން އަނެއް ނިންމުމާ ގުޅި ލާމެހިފައިވާ ކަންތައްތައް ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ކުރަން ޖެހޭ އުސޫލުން ކަންކަން ކުރެވިގެން ކަމަށް، ހަމްދާ ބުންޏެވެ.
ދިވެހި ޒުވާނުން މިއަދު ބޭނުންވަނީ ހެޔޮ ބަދަލެއް ކަމަށާއި، ރައްޔިތުންގެ ފައިދާ އަށް އިސްކަންދޭ ފަހި ބަދަލަކަށް ކަމަށާއި، ޒުވާނުން ކުރިއަށް ދާން ބޭނުންވަނީ އެފަދަ ބަޔަކާ އެކުގައި ކަމަށް، ވާހަކަ ނިންމާލަމުން ހަމްދާ ބުންޏެވެ.
100 ގެ ހަޤީގަތް މައިން ބަފައިންގެ ލޯބީގަ ބޮޑު ވާ ޒުވާނުން ވެސް މައިން ބަފައިން ނަށް ނުވާ ވަރު ގެ ބޮޑެތި ކުލީގަ ދިރިއުޅޭން ޖެހެއިރު ، ޒުވާން ދަރިންގެ ބުރަ މަސއްކަތުން ހޯދާ ފައިސާ އިން ބިލްތަކާ ހަވާލު ނުވެވޭނަމަ ރަގަޅު ފައިދާއެއް ލިބިދޭވަރުގެ ކާއެއްޗެއް ވެސް އަގައަށް ލެވޭވަރު ނުވާ ހާލު މިއަދުގެ ހާލަތް މިއޮތީ . މައިންބަފައިން ސަޕޯޓިން ގަ ތިބޭއިރު ޕާޓައިމް ވަޒީ ފާއެއް އެއްގަ މަސައްކަތް ކޮއްގެން ނޫނީ މަސްނިމެންދެން ހިފަހައްޓާ ނުލެވޭ .