ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ހާލު ކޮޅު ދަށްކަމަށް ދޭހަވާ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އޮފީހުގެ ތަރުޖަމާން، މިއުވާން މުހައްމަދު ރައްދު ދެއްވައިފިއެވެ.
ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވާފައި ވާ ހަމައެކަނި ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެކު ރޭ އެ ޕާޓީ ހަރުގޭގައި ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ރައީސް ސޯލިހުގެ ސިއްހީ ހާލަތާ މެދު އެ ޕާޓީގެ މެންބަރުން ވިސްނައިވަޑައިގަތުމަށް ގޮވާލައްވާފައެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ހިތުގެ އާލާސްކަންފުޅާ ވެސް އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހު މުސްކުޅިފުޅު ވެއްޖެ ކަމަށާއި "ޑިލޭވެފައި" ހުންނަ ކަމަށް ދޭހަވާ މޭރުމަކުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެ ވާހަކަތައް ދޮގު ކުރައްވައި މިއުވާން މުހައްމަދު ވިދާޅުވީ، ޕްރައިމަރީ [އެމްޑީޕީ] އިން ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ފަހަތްޕުޅަށް ވަޑައިނުގަންނަވަން އެކި ފާޑު ފާޑުގެ ތާކުން ތާކު ނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު، އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފިތުނައިގެ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހައިރާން ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް މިއުވާން ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު އެމްޑީޕީ އެތެރޭގެ ޕްރައިމަރީ ބާއްވާފައި ވާއިރު ޕްރައިމަރީގައި ކުރިމަތި ލެއްވީ ނަޝީދުއާއި ރައީސް ސޯލިހެވެ. ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 24,566 ވޯޓާއެކުއެވެ. އަދި ނަޝީދަށް ލިބިވަޑައިގަތީ 15,641 ވޯޓެވެ. ޕްރައިމަރީން ލިބިވާޑައިގެންނެވި ނާކާމިޔާބީ ގަބޫލުފުޅު ނުކުރައްވާން ނަޝީދު ވަނީ "ދަ ޑިމޮކްރަޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާ އެމްޑީޕީން ވަކިވެ ވަޑައިގެންފައެވެ. ކުރިއަށް އޮތް ރިޔާސީ ރޭހުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރާނެ ކަން އިއުލާން ކޮށްފައި ވާއިރު އެ ކަމަށް އެ ޕާޓިން ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އެއާއެކު ޕާޓީގެ އަސާސީ ގަވާއިދު ބުނެފައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން އެއް ކެނޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތި ލާފައި ނުވާނަމަ އެމީހަކު ހޮވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28ވާ ހުކުރު ދުވަހުއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ، ވެރިކަމަށް ކުރިމަތި ލެއްވުމަށް އެމަނިކުފާނުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.
ބުޅާ ގޯނިން ފުއްމާލިއިރު ބަލަން ތިބި ބަޔަކު ވަރަށް އުފާވެސް ކުރިޔޯ.
މިކަހަލަ މަރުވާނުން ހަދާދޮގު ލިޔެގެން ފަތުރާމީހުން ގިނަވާތި ގައުމު ފަސާދަވަނީ