ދަރިވަރުންނަށް ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވޭ ގޮތް މިސަރުކާރުން ވަނީ ހަދާފައެވެ. ޝައްކެތް ވެސް ނެތް ގޮތުގައި މިއީ އެތަކެއް ދަރިވަރުންނަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ. ވަޒީފާ އަދާކުރަމުން އާއިލީ ޒިންމާތައް ބަލަހައްޓަމުން ކޮންމެ މަހަކު ކޯހަށް ފީ ދައްކަން ޖެހުމަކީ އެންމެންނަށް ވާނޭ ކަމެއް ނޫނެވެ. މި ސަބަބަށްޓަކައި ޑިގްރީ ފެއްޓި އެތަކެއް ކުދިންނެއް ވަނީ ޑިގްރީ ފުރިހަމަ ނުކޮށް ހުއްޓާލާފައެވެ. މި މައްސަލައަށް ހައްލެއް ލިބި ތައުލީމީ ޒުވާނުންތަކެއް ހިލޭ ޑިގްރީގެ ސަބަބުން އުފެދިގެން ދާނެއެވެ.

މީގެއިތުރުން އެމްއެންޕީގެ ޖަގަހަ ހުޅުވުމަށް ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ޕީއެޗްޑީއާ ހަމައަށް ތައުލީމު ހިލޭ ކުރައްވާނެ ކަމަށެވެ. މިގޮތުން އެންމެ ތުއްތު ކުއްޖާއިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު އެމްއެންޕީގެ ވެރިކަމެއްގައި ހިލޭ ދޭނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު އުފެދޭ ސުވާލަކީ ގްރޭޑް10 އަދި 12 ނިންމާ ޑިގްރީ އާއި ޕީއެޗްޑީ ހެދިޔަސް އެކަށީގެންވާ ވަޒީފާ ނުލިބޭނަމަ މި ފޯރުކޮށްދޭ ތައުލީމީ ފުރުސަތުތަކާއި ވައުދުތަކުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ވަޒީފާތައް އޮތީ ހަމައެކަނި އެއިރަކު އޮތް ޕާޓީގެ ކުދިންނަށް ކަމަށް ވެއްޖެނަމަ ދެން ގައުމުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ އަމިއްލަ ރަށް ދޫކޮށް މައިންބަފައިންނާއި ދުރުގައި ގަނަތެޅެ ހޯދާ ތައުލީމީ ސެޓްފިކެޓުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ހއ. ދިއްދޫގައި އެމްއެންޕީ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާހަކަ ދައްކަވަނީ /ފޮޓޯ: އެމްއެންޕީ

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 އިން ދައްކާ ގޮތުން ރާއްޖޭގެ އާބާދީއަކީ 515،122 މީހުންނެވެ. މީގެތެރެއިން 382،751 އަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނެވެ. ނިމިދިޔަ 2020 ވަނަ އަހަރު 5367 ކުދިން ގްރޭޑް 10ގެ ތައުލީމު ހާސިލު ކުރި އިރު 3588 ދަރިވަރުން ވަނީ އޭލެވެލް ކިޔަވާފައެވެ. 2019 ވަނަ އަހަރު އެކިއެކި ކޯސްތައް ހެދުމަށް 13،999 ދަރިވަރުން ވަނީ ރާއްޖޭގެ ކޮލެޖުތަކަށް އެންރޯލްވެފައެވެ. ނަމަވެސް ހިތާމައަކީ ކިތަންމެ ގިނަ ދަރިވަރުން ތަކެއް ކޯސްތައް ފުރިހަމަ ކުރިނަމަވެސް އަދާކުރާނެ ވަޒީފާއެއް ނުލިބުމެވެ. މިގޮތުން ރާއްޖޭގެ ލޭބަރ ފޯސްގައި 191،270 މީހުން ތިބި އިރު އޭގެ ތެރެއިން 10،127 މީހުންނަކީ އަދާކުރާނެ ވަޒީފާއެއްނެތި ނުވަތަ އަންއެމްޕްލޮއިޑްގެ ގޮތުގައި ތިބި މީހުންނެވެ. މިއީ 15 އަހަރާ 35 އަހަރާއި ދެމެދު މީހުންގެ އާބާދީގެ ނިސްބަތުންނެވެ.

ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރުމެކޭ ފޫނެއް ފަޔަށް ފެންފުރުމެކޭ މިހާރު ތަފާތެއް ނެތެވެ. ވަޒީފާ ހޯދަން އެހާ އުނދަގޫއިރު ލިބޭ މުސާރަ ކޮޅު ކުޑަކަމުން ގިނަ ފަހަރަށް ހަރަދުތައް ހުންނަނީ ދެކޮޅު ނުޖެހިފައެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް ވަޒީފާގައިވެސް ކުރިއެރުމެއް ނުލިބެއެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންކަން މިކަހަލަ ގޮތަކަށް ދިޔަ ނަމަވެސް ކޮންމެ ހަތަރު އަހަރަކުންހެން ބަދަލުވާ ސަރުކާރަކާއިއެކު ސިޔާސީ މަގާމުތަކެއް އުފައްދާ ބޮޑު މުސާރަދެއެވެ. ތައުލީމާއި ތަޖުރިބާ ނެތަސް މި ބޭފުޅުންނަށް އޮތީ ބޮޑު މުސާރައާއި ކުރިއެރުމުގެ މަގު ކޮށައި އަލިކޮށްދީ އާސުމާނަށް އަރުވައިފައެވެ. މިކަހަލަ މަގާމެއް ހޯދަން އޮތް ހަމައެކަނި ޝަރުތަކީ ސިޔާސީ ގުޅުންތަކާއި ރަހުމަތްތެރިންނެވެ. ޕާޓީގެ އެކްޓިވިސްޓަކަށްވީމާ ވެސް ޝަރުތުހަމަވީ އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހަށްވެސް 6 ދާއިރާއެއް އިތުރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ގިނަ ވަޒީފާތަކެއް ދިނުމަކީ ހަގީގަތުގައިވެސް ކުރަންޖެހޭ ކަމެއް ހެއްޔެވެ؟

ކޮންމެ މިނިސްޓްރީއެއްގައިހެން އެވަރެޖްކޮށް 15-20 ސިޔާސީ މުވައްޒަފުން ތިއްބަވާއިރު ބައެއް މިނިސްޓްރީތަކުގައި މި އަދަދު އުޅެނީ ސަތޭކައިން މަތީގަ އެވެ. އެގޮތުން ފޮރިން އަދި ހެލްތު މިނިސްޓްރީގައި ފާހަގަކޮށްލެވޭހާ ގިނަ އަދަދަކަށް ސިޔާސީ ބޭފުޅުން އެބަ ތިއްބެވިއެވެ. ފޮރިން މިނިސްޓްރީގައި މި އަދަދަށް އަރަނީ އެމްބެސެޑަރުންނާއި ހައިކޮމިޝަންތަކުގައި ތިއްބަވާ ބޭފުޅުން ލައިގެންނެވެ. ހެލްތުގައި މި އަދަދުތައް އަރަނީ ކޮންމެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުތަކުގެ މެނޭޖަރުންވެސް ހިމަނައިގެންނެވެ. އަދި ޕްލޭނިންގް މިނިސްޓްރީގައި 27 ސިޔާސީ ބޭފުޅުން އަދި ޔޫތު މިނިސްޓްރީގައި 51 ބޭފުޅަކު ސިޔާސީ މަގާމުތަކުގައ ތިއްބަވަ އެވެ.

މި ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޮޑު ހަރަދެއް ކޮންމެ އަހަރަކުމެ ސަރުކާރުން ކުރެއެވެ. ނަމަވެސް މިވަރަށް މުވައްޒަފުން ނަގަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެ ތަނެއްގައި ނުކުރެވޭ އިތުރު ކޮން ކަމެއް ކުރަން ހެއްޔެވެ؟

ބަލަންވީ މަސައްކަތް އޮތް މިންވަރަކަށް، މިސާލަކަށް 20-50 ސިވިލް ސާވެންޓުން ތިބޭ މުއައްސަސާއަކަށް 10 ސިޔާސީ ބޭފުޅުން އައްޔަނުކުރުން އޯކޭ އެއްނޫންކަންނޭނގެ. އެކަމަކު 500 އެއްހާ ސިވިލް މުވައްޒަފުން އުޅޭ ތަނަކަށް 20 ސިޔާސީ މީހުން ގަބޫލުކުރެވިދާނެ. އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކޮންމެ ތާކު ސިޔާސީ އިސްވެރިން ތިއްބަވާކަށް ނުޖެހޭ،
ސިވިލް ސާވެންޓެއް
ރައްޔިތުންގެ މަޖިލިސް /ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއްޓެވީ ސިޔާސީ މަގާމުތަކުގެ އަދަދު ރައީސް ޔާމީންގެ ސަރުކާރަށްވުރެ 20-30 ޕަސެންޓާއި ދެމެދަށް މަދު ވާނޭ ކަމުގެ ވައުދާއެކުއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 700 އާއި ގާތްކުރާ އަދަދަށް ސިޔާސީ ބޭފުޅުން ތިއްބެވި އެވެ. މިއީ ރައީސް އޮފީހުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނުވަތަ ސިވިލް ސާވެންޓުންގެ ގިންތީގައި ނުގުނޭ މުވައްޒަފުން ހިމަނައިގެންނެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން 2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާގޮތުންނަމަ ރައީސް ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރު 967 ސިޔާސީ މުވައްޒަފުން ތިއްބެވިއެވެ. މީގެ ތެރެއިން 400 އެއްހާ މުވައްޒަފުންނަކީ ރައީސް އޮފީހުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނުވަތަ ސިވިލް ސާވެންޓުންގެ ގިންތީގައި ނުގުނޭ މުވައްޒަފުންނެވެ. ބަޖެޓް ފޮތުގެ މި އަދަދުތަކަކީ ރާއްޖެފަދަ ކުޑަ ކުޑަ ގައުމަކަށް މާ ބޮޑު އަދަދުތަކެކެވެ.

އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކޮށްގެން ވިޔަސް ސިޔާސީ ވަޒީފާތައް އިތުރުވާ އިތުރުވުން ހުއްޓުވާ ތައުލީމީ ޒުވާނުން ވަޒީފާތަކަށް އިސްކުރަން ޖެހެއެވެ. އެހެންނޫން ނަމަ މިހޯދާ ސެޓްފިކެޓުތަކާއި ތައުލީމުގެ ބޭނުމެއް ނެތެވެ.