ފިލްމު ކުންފުނި އައިފިލްމްސް އިން ނެރޭ ދެވަނަ ފީޗާ ފިލްމު "ނީނާ" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ލިބިގެންދާއިރު ހޮޓްލައިން ނަމްބަރު 7242555 އަށް ގުޅައިގެން ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ފިލްމުގެ 30 ޝޯ އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމާފައި ވާއިރު މި ފިލްމަކީ މިއަހަރު ސިނަމާއަށް ނެރޭނެ އެންމެ އުއްމީދީ އެއް ފިލްމެވެ. ބެލެވޭ ގޮތުގައި މި ފިލްމުވެގެންދާނީ މިއަހަރު ސިނަމާގައި އަޅުވާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. ނުޒޫގެ ތަފާތު ލުކްތަކަކާއެކު ފިލްމުގެ ރަސްމީ ޓްރެއިލާ ވެސް މިހާރު ދައްކާލައިފައިވާއިރު މި ފިލްމުގެ ޓްރެއިލާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނަށް ގެނެސްދިން "ބަވަތި" ވެސް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކުރާ މި ފިލްމަކީ ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. ނުޒޫ އާއެކު މި ފިލްމުގައި ދެން ފެނިގެންދާނެ ލީޑު ތަރިއަކީ ޝަރަފް އަބްދުﷲއެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.