ޑާކްރެއިން އެންޓަޓެއިންމަންޓުގެ ހޮރޯ ކޮމެޑީ "ބިބީ"ގެ ފަހު ދެ ޝޯގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
ޑާކްރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ފަހު ދެ ޝޯ އަޅުވާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހުގެ ރޭ ކަމަށެވެ. މޮގާ ބުނީ އޮލިމްޕަސް ފުލުފުލުގައި ބުކްކޮށްފައި އޮތުމާއެކު ފިލްމު އެޅުވެން އޮތް އެންމެ ފަހު ތާރީހަކީ 20 ވަނަ ދުވަސް ކަމަށެވެ. ބިރުވެރި މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު (އާރްޖޭ) ޝަހުދާ މަހްމޫދު ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުގެ އިތުރުން ފުބޫ އަދި އަމާން ވަނީ މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ.
މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. ފިލްމު އޮލިމްޕަހުގައި އެޅުވުމަށްފަހު އަތޮޅުތަކުގައިވެސް ފިލްމު "ބިބީ" އަޅުވަން ވަނީ ހަމަޖެހިފައެވެ.