ސަރުކާރާއި ސަރުކާރު ހިއްސާވާ މުއައްސަސާއަކުން ވަޒީފާ ދިނުމަށްފަހު ނުވަތަ ގެދޮރު ދިނުމަށްފަހު އެ މީހަކު ސަރުކާރުގެ އަޅަކަށް ހަދާ ކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށާއި ވަޒީފާގެ ބިރުވެރިކަން ކޮންމެ ރައްޔިތަކަށް އޮތްކަން ފާހަގަ ކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގެ ވަޒީފާގައި ހުރި ކޮންމެ މީހަކަށް ބިރުވެރިކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އުފާވެރި އަމާންރާއްޖެ" ޝިއާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ފައްޓަވާފަައި ވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި ދައުރު ނޫން އެހެން ދައުރެއްގައި މިހާ ގިނަ މަރު، މާރާމާރީ އަދި މިހާ ގިނައިން ޑްރަގް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަމަށެވެ. އަދި އެހެން ދައުރެއްގައި ތަހުގީގުތަކާއި ޝަރީއަތްތަކަށް އަތް ނުބާނާ ވަރަށް މި ދައުރުގައި އަތް ބާނަމުންދާ ކަމަށާއި މި ދައުރުގައި ސަރުކާރުގެ ކުންފުނިތަކުގައި ވައްކަން އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި އެ ކަންކަން އިތުރުވެފައި ވާތީ ދެ ވަނަ ދައުރެއް ނުދެވޭނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމް އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ އިންސާފަށް ލޯބި ކުރާ ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނޭ ކަމެއް ކަމާމެދު ޝައްކު ނުކުރައްވާ ކަމުގައެވެ. ރައީސް ނަޝީދު ނޫނީ ރައްޔިތުން ބޭނުންވާ ބަދަލު ގެންނެވި ރައީސް ނެތް ކަމަށާއި ރައީސް ނަޝީދު ވެރިކަމަށް އައީ ވިޝަނަކާއެކު ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވާ ބަސްފުޅެއް ("މި މީހާ ބައްޔެއް ނުވާނެ") ތަކުރާރު ކުރައްވާ އާޒިމް ވިދާޅުވީ ރައީސް ނަޝީދު ބައްޔެއް ނުވާނެ ކަމަށާއި ބަލިވަނީ ފަހަތުން ދުވަމުން އަންނަ މީހުން ކަމަށެވެ. އެގޮތުން ފަހަތުން ދުވަމުން އަންނަ އާ ބަޔަކު ފެއިލްވެއްޖެ ކަމަށާއި އެ މީހުން ފެއިލް ވީ ނަމަވެސް ރައީސް ނަޝީދު 'ބަލިވާކަށް ނެތް' ކަމަށް އާޒިމް ވިދާޅުވިއެވެ.
ޥަރަށް ބޮޑު ތެދުފުޅެއް. ޥަޒީފާގެބިރު އިންތިހާއަށް ބޮޑު. ޢަޅުގަނޑުގެ ތަޖުރިބާ ވަރަށް ހިތި.