ކުރީގެ ރައީސް އަދި އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަަޅައިފިއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިި ވަނީ، ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ބެލުން ލަސްވާތީ އިންތިހާބީ ހައްގު ކަށަވަރު ކުރުމަށް ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ވަނީ ބުނެފައެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމިކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއެކު އެމަނަކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

މިހާތަނަށް ހައިކޯޓުން ބަލަމުންދާ އެ މައްސަލައިގެ ހަތަރު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެ އަޑުއެހުންތަކުގައި ވަނީ ހުށަހަޅާ އިސްތިއުނާފް ނުކުތާތަކަށް ދައުލަތުން ޖަވާބު ދީފައެވެ. އަދި ޔާމީންގެ ފާރާތުން ރައްދު ދިނުމަށް ފުރުސަތު ދީ އެ މަރުހަލާ އެއްކޮށް ނުނިމި ހަތަރު ވަނަ އަޑުއެހުން ވަނީ ނިންމާލާފައެވެ. އެއަށް ފަހު އިތުރު އަޑުއެހުމެއް ތާވަލްނުކޮށް ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ޗުއްޓީއަށް ދިއުމުންނެވެ.

އިސްތިއުނާފީ އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ޖުލައި 10 ވަނަ ދުވަހުގައި ބާއްވަން ތާވަލް ކުރި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނެވުމުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ބައްލަވާ ފަނިޔާރު މުހައްމަދު ސަލީމް މި މަހުގެ 15 ގައި ޗުއްޓީއަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާ 3 ފަނޑިޔާރުންގެ ހާޒިރުގައެވެ.

މި މައްސަލަ ދިގުލައިގެން ދާތީ، ޕީޕީއެމާއި ޔާމީންގެ ސަޕޯތަރުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެކަމާ އަޑުއުފުލާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ޕީޕީއެމުން އަންނަނީ ހިންގަމުންނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ކުރިން ބަލައި ނިންމައި އެމަނިކުފާނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.