އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި ޖޫރިމަނާ ކުރި ހުކުމް ބާތިލު ކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީއިން ނިންމައިފިއެވެ.
އެ މައްސަލައަކީ ސްޕްރީމް ކޯޓުން ބެލި އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ކުރި ހުކުމް ފާހަގަކުރަން، އެ މައްސަލައިގައި ހިމެނޭ މީހާއާ ގުޅުން އޮތް މީހެއްގެ ފަރާތުން ފޮނުވި ފަރީއްކޮޅަކަށް މަހާޒު ހަވާލުވެވަޑައިގެންފަައިވާ މައްސަލައެކެވެ.
އެ މައްސަލާގައި ޖޭއެސްސީއިން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ވަނީ އެ މައްސަލާގައި މަހާޒްގެ ސުލޫކީ މައްސަލަ ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ނިންމާފައެވެ.
މި ފަރީއްކޮޅަކީ ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލި ދުވަހު ފަނަޑިޔާރުންގެ ފަރީއްކޮޅަށް މީހަކު ފޮނުވި ކެއުމެއް ކަމަށް ބުނެއެވެ. ފަރީއްކޮޅުގައި ހިމެނުނު ތަކެތީގެ ތަފްސީލުތައް ލިބިފައި ނުވި ނަމަވެސް، މަނީ ލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެ ދުވަހު މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު ނޭނގޭ ކަމަށާއި އެ މައްސަލައިގައި މަނީ ލޯންޑާ ކުރިކަން ޔާމީންގެ މައްޗަށް ސާބިތުނުވިޔަސް އެ ފައިސާއާ މެދު ޔާމީން އަމަލުކުރެއްވި ގޮތް ގޯސް ކަމަށް އެދުވަހުގެ ހުކުމްގައި ބުންޏެވެ.
މި ކަމަކާ ގުޅިގެން މީގެ ކުރިން މަހާޒު ވަނީ ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ދާތީ، އެ މައްސަލަ އޮތް ކޮންމެ ދުވަހަކު، މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރަކު އަނެއް ދެ ފަނޑިޔާރުން ހިމެނޭ ގޮތަށް މެންދުރުގެ ފަރިއްކޮޅު ގެންނަ ކަމަށާއި އެ ކަމަށް ހަރަދުކުރީ އަމިއްލައަށް ކަމަށް ވިދާޅުވެފައެވެ. އަދި ތަރުތީބުން ހުކުމް އިއްވި ދުވަހު ފަރީއްކޮޅާ ހަވާލުވާން ޖެހިވަޑައިގަތީ އޭނާއަށް ކަމަށާއި ތަނަކަށް އޯޑަރުކޮށްގެން، އަމިއްލަ ހަރަދުގައި ފަރިއްކޮޅު ގެންނެވި ކަމަށް މަހާޒް ވިދާޅުވިއެވެ.
ޔާމީން އެ ހުކުމުން މިނިވަން ކުރަން ތިން ފަނޑިޔާރުން އިއްތިފާގު ވެ ހުކުމް އިއްވި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓީ މަހާޒެވެ.