މި އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރޯފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ނެރެން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެކަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފާރިސްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް އެ ޕާޓީން ދަނީ ވަމުންނެވެ.

އެމްއާރުއެމްގެ ރިޔާސީ ކެނޑޭޓެއްގެ ގޮތުގައި ފާރިސް ނުކުންނެވުމަށް ހަމަޖެހިފައިވާއިރު މިހާރު ރާއްޖޭގައި އޮތް 9 ސިޔާސީ ޕާޓީތަކުގެ ތެރެއިން މެންބަރުން އެންމެ މަދުން ތިބެންޖެހޭ އަދަދު ކަމަށްވާ 3،000 ހަމަނުވާ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމް ކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހަށް ވަނީ ހުޅުވާލައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ މީހުންގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުންގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.