ކުރީގެ ރައީސް އަބްދުﷲ ޔާމީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުން އަނެއްކާވެސް ހައިކޯޓަށް ވަޑައިގެންފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެވޭ ފުރުސަތު ވަނީ ހަނިވެފައެވެ. އެއާއެކު އެ މައްސަލައިގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ކަމަށް ބުނެ އިދިކޮޅު ލީޑަރުން ވަނީ މިދިޔަ އަންގާރަ ދުވަހުވެސް ހައިކޯޓަށް ވަޑައިގެންފައެވެ.
އެދުވަހު އަބްދުއްރަހީމް ވިދާޅުވީ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެބޭފުޅުންނަށް ބައްދަލު ކުރައްވަން އިންކާރު ކުރައްވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ޗުއްޓީއާ ބެހޭ މައުލޫމާތު ހާމަކުރަން ވެސް ދެކޮޅު ހަދާފައިވާ ކަމަށާއި އެބޭފުޅުންނާ ބައްދަލު ކުރީ ކޯޓުގެ މީޑިއާ އޮފިޝަލް އެކަނި ކަމަށެވެ. އަދި އެބޭފުޅާ ދެއްވަނީ އަބަދުވެސް ދެއްވާ ސްޓޭންޑާޑް ޖަވާބު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދި އެދުވަހު ހައިކޯޓުގެ ރަސްމީ ގަޑި ނިމުނު އިރުވެސް އިދިކޮޅު ފަރާތްތަކުން ހައިކޯޓުގެ އިމާރާތުން ނުކުތުމަށް ދެކޮޅު ހެދުމާ ގުޅިގެން އެ ބޭފުޅުން ކޯޓުން ނެރެފައި ވަނީ ފުލުހުން ގޮހެވެ.
އިދިކޮޅުގެ އިސްވެރިން ހައިކޯޓަށް މިއަދު ވަޑައިގެންފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)، ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާނެވެ. މީގެ އިތުރުންވެސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.