ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ބައްދަލު ކުރަން މާފުއްޓަށް ދިޔަ އެމަނިކުފާނުގެ ވަކީލުންނަށް އެ ފުރުސަތު ނުދިނުމުން ޕީޕީއެމް އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ޕީޕީއެމް އިން ބުނީ، ޔަމީންގެ ވަކީލުންގެ ޓީމް މާފުއްޓަށް ދިޔައީ ރައީސް ޔާމީނާ ބައްދަލު ކުރުމަށް ވަގުތު ދިނުމުން ކަމަށާއި އެ ޓީމް މާފުއްޓަށް ދިއުމުން ރައީސް ޔާމީންއާ ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ. އެ ބައްދަލުވުމަށް ހުރަސް އަޅާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމަށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ނަމަވެސް ވަކީލުންނަށް ޔާމީނާ ބައްދަލު ނުވީ، ދައްކަން ޖެހޭ ލިޔެކިޔުން ނުދެއްކުމުން ކަން ވަނީ އެނގިފައެވެ. ގާނޫނީ ވަކީލު ޝިޔާޒުގެ ވާހަކައިން ވެސް އެކަން ހާމަވި އިރު އޭނާ ބުނީ "ލިޔެކިޔުން ނުދައްކަނީސް ބައްދަލުވުން ނުދޭނެ ކަމަށް އެންގި ހިސާބުން ޖަލު އޮފިސަރުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފްވެއްޖެ" ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއެކު އެމަނަކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
މިއަދާ ހަމައަށް އައި އިރު އެ މައްސަަލއިގެ ޖުމްލަ 4 އަޑުއެހުމެއް ބާއްވާފައިވާ އިރު، ފަހުން އަޑުއެހުން ނުބާއްވާ އޮތީ ފަނޑިޔާރުން ޗުއްޓިއަށް ދިއުމުންނެވެ. އަދި ފަނޑިޔާރުން ޗުއްޓިއަށް ދިއުމުން މައްސަލަ ބެލުން ލަސްވެ އިސްތޮއުނާފް މައްސަލަ ނުނިމިއްޖިއްޔާ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ޖާގައެއް ނޯންނާނެއެވެ. އެހެންކަމުން ޔާމީންގެ ޓީމުން ވަނީ ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސް އަލާފައިވާ ކަމަށް ބުނެ، އެ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.
އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެން ކަން ކަށަވަރެއް ނޫނެވެ.