ފުވައްމުލަކުގެ ޑައިވް ޕޮއިންޓްތަކުގައި ފީނަން ބޭނުންވާ ނަމަ ފީ އެއް ދައްކަން ޖެހޭ ގޮތަށް އެ ސިޓީގެ ކައުންސިލުން ނިންމު ނިންމުމާ ދެކޮޅަށް، އެ ސިޓީގެ ޑައިވަރުން އިހްތިޖާޖަށް ނުކުމެއްޖެއެވެ.
މިދިޔަ ޖޫން މަހު ގެޒެޓުކުރި ފުވައްމުލަކުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވައިދުގެ ދަށުން ފީ އެއް ނެގުމަށް ނިންމުމާ ގުޅިގެން، އެ ސިޓީގެ ޑައިވް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ފުވައްމުލަކުގެ ޑައިވް އެސޯސިއޭޝަނުން ވަނީ ޝުއޫރުތަކެއް ޖަހާފައި ހުރި ބޯޑުތަކެއް ހިފައިގެން ފުވައްމުލަކު ކައުންސިލްގެ އިދާރާ އަށް ގޮސް، އިހްތިޖާޖުކޮށްފައެވެ. ޑައިވް އެސޯސިއޭޝަންގެ މައިގަނޑު ކަންބޮޑުވުމަކީ ޑައިވަރުންގެ އެއްވެސް މަޝްވަރާއެއް ނެތި، ކައުންސިލުން ފީ އެއް ނެގުމަށް ނިންމުމުންނެވެ. މީގެ އިތުރުން ޑައިވިންގެ އެންމެ އަސާސީ ހިދުމަތް ނުދެވޭތީ ވެސް އެ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި އިހްތިޖާޖުގައި ޑައިވަރުން ވަނީ ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލަރުންގެ އިސްތިއުފާ އަށް ވެސް ގޮވާލައިފައެވެ. އަދި ގަވައިދުގައި ކަނޑައަޅާފައިވާ ފީ ތިރިކުރުމަށް ވެސް ގޮވާލާފައިވެއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން ފުވައްމުލަކު ކައުންސިލްގެ މީޑިއާ އޮފިޝަލް އިބްރާހީމް އަލީފް ވިދާޅުވީ، ކައުންސިލުން ގަވައިދު ފާސްކުރުމުގެ ކުރިން ޑައިވް ސެންޓަރުތަކާ މަޝްވަރާކޮށް، އާންމުންގެ ފަރާތުން ހިޔާލު ހޯދި ކަމަށާއި، ގަވައިދު ފާސްކުރީ ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.
މިއަދުގެ އިހްތިޖާޖަށް ފަހު ޑައިވް އެސޯސިއޭޝަނަކާ އެކު މަޝްވަރާކުރެވުނު ކަމަށާއި، އަދި ވަކި ގޮތެއް ނުނިންމޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީޓިން ނިންމާލީ އިތުރު ޑިސްކަޝަންތައް ބޭއްވުމަށް ނިންމުމަށް ފަހު، އެއީ އަދި އެއްވެސް ގޮތަކަށް ނެތް ޕްރައިޒް ދަށްކުރާނީތޯ އެކަހަލަ އެއްވެސް ކަމެއް، ދެ ފަރާތަށް ޑިސްކަޝަން އަށް ހުޅުވާލާފަ ނިންމާލީ،"
ފީ ނެގުމާ ބެހޭ ގަވައިދުގައިވާ ގޮތުން، ފީ ނެގުމަށް ފަހު ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ. އެ ގަވައިދުގައި ފީތައް ކަނޑައަޅާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ:
- ދިވެހިންނާއި، ރާއްޖޭގެ ވޯކް ވިސާ އާއި ސްޓޫޑެންޓް ވިސާ އޮތް މީހުން
- ރާއްޖޭން ބޭރު އުޅަނދުފަހަރަށް: ބޮލަކަށް 200 ޑޮލަރު
- ސަފާރީ އުޅަނދުފަހަރާއި އެހެނިހެން ޑައިވް ސްކޫލްތަކުން: ބޮލަކަށް 20 ޑޮލަރު
- ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން: ބޮލަކަށް 20 ޑޮލަރު
- ބިދޭސީން
- ރާއްޖޭން ބޭރު އުޅަނދުފަހަރަށް: ބޮލަކަށް 200 ޑޮލަރު
- ސަފާރީ އުޅަނދުފަހަރާއި އެހެނިހެން ޑައިވް ސްކޫލްތަކުން: ބޮލަކަށް 55 ޑޮލަރު
- ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން: ބޮލަކަށް 40 ޑޮލަރު
ރަޖިސްޓްރީނުކޮށް ފީ ނުދައްކާ ނަމަ، 5،000ރ އާއި 8،000ރ އާ ދެމެދުން ޖޫރިމަނާކުރާނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.