ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ބެލުން ލަސްވަމުން ދާތީ އިންތިހާބީ ހައްގު ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަަލައެއް ހުށަހަޅައިފިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، ރައީސް ޔާމީން އަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ވީހިނދު، ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެމަނިކުފާނުގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއެކު އެމަނަކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

މިހާތަނަށް ހައިކޯޓުން ބަލަމުންދާ އެ މައްސަލައިގެ ހަތަރު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެ އަޑުއެހުންތަކުގައި ވަނީ ހުށަހަޅާ އިސްތިއުނާފް ނުކުތާތަކަށް ދައުލަތުން ޖަވާބު ދީފައެވެ. އަދި ޔާމީންގެ ފާރާތުން ރައްދު ދިނުމަށް ފުރުސަތު ދީ އެ މަރުހަލާ އެއްކޮށް ނުނިމި ހަތަރު ވަނަ އަޑުއެހުން ވަނީ ނިންމާލާފައެވެ. އެއަށް ފަހު އިތުރު އަޑުއެހުމެއް ތާވަލްނުކޮށް ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ޗުއްޓީއަށް ދިއުމުންނެވެ.

މި މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ޖުލައި 10 ވަނަ ދުވަހުގައި ބާއްވަން ތާވަލް ކުރި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނެވުމުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ބައްލަވާ ފަނިޔާރު މުހައްމަދު ސަލީމް މި މަހުގެ 15 ގައި ޗުއްޓީއަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާ 3 ފަނޑިޔާރުންގެ ހާޒިރުގައެވެ.

މި މައްސަލަ ދިގުލައިގެން ދާތީ، ޕީޕީއެމާއި ޔާމީންގެ ސަޕޯތަރުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެކަމާ އަޑުއުފުލާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ޕީޕީއެމުން އަންނަނީ ހިންގަމުންނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އަންނަ އޮގަސްޓް މަހުގެ 7ގެ ކުރިން ބަލައި ނިންމައި އެމަނިކުފާނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.