ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކާ ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 20 ވަނަ ދުވަހުއެވެ. އަދި މިއަދު 04:00 އަށް އެ ފުރުސަތު ހަމަވެފައިވާއިރު އެ މަގާމަށް ކުރިމަތިލެއްވީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއެވެ.
އެއާއެކު ޕާޓީގެ އަސާސީ ގަވާއިދު ބުނެފައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން އެއް ކެނޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތި ލާފައި ނުވާނަމަ އެމީހަކު ހޮވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އަދި ރިޔާސީ ޓިކެޓު ކަށަވަރު ކުރުމަށްޓަކައި އިލްޔާސް އަށް ބޭނުންވާނީ މަދުވެގެން 10 ޕަސެންޓް ވޯޓެވެ. ފެންނަ ނުފެންނަ ވޯޓު ނެގުން ހަމަޖެހިފައި ވަނީ މިމަހުގެ 28ވާ ހުކުރު ދުވަހުއެވެ.
މިއަދު މެންދުރު 13:00 ގައި ފޯމް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އިލްޔާސް ވިދާޅުވީ، އޭނާ ކުރިޔަށް ވަޑައިގަންނަވާނީ ޕާޓީގެ ވިސްނުމާއި ފިކުރުގައި ކަމަށާއި ޑިމޮކްރެޓްސް އުފެއްދުމުގެ މަގްސަދު ހާސިލް ކުރުމަށް އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވައި ސަރުކާރު ބަދަލުކުރުމަށް ދިވެހި ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް ނަޝީދު އިއްޔެ ވިދާޅުވީ، ވެރިކަމަށް ކުރިމަތި ލެއްވުމަށް އެމަނިކުފާނުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.
މީގެ އިތުރުންވެސް މި ސަރުކާރުގެ ކޯލިޝަންގައި މީގެ ކުރިން ހިމެނުނު ޖުމްހޫރީ ޕާޓީންވެސް މީގެ ކުރިން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކޮށްފައެވެ. ނަމަވެސް ދާދި ފަހުން ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމްގެ އިތުރުން އެމްއާރްއެމްއާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައި ވާ ކަމަށެވެ.
އަދި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ. ނަމަވެސް ޕީޕީއެމް އިން ބުނެފައި ވަނީ އިދިކޮޅު ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހަމަޖެއްސުމަށެވެ. ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
އެއާ ހިލާފަށް އެމްއެންޕީން ކޯލިޝަން ހެދުމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު ވެރިކަން ކުރާ އެމްޑީޕީން ދަނީ ރައީސް ސޯލިހު އަށް ރިޔާސީ ޓިކެޓު އަރުވާ ކެމްޕެއިންގެ ހަރަކާތްތައް ފުޅާ ކުރަމުންނެވެ.