އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފިއެވެ.
ޖުމްހޫރީ ޕާޓީން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މިއަދު ދޮރުން ދޮރަށް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ، މިފަހަރު ޖުމްހޫރީ ޕާޓީން ނުކުންނަނީ ހަމައެކަނި މޮޅުވާނެ ފޯމިއުލާއަކާ އެކުގައި ނޫން ކަމަށާއި ގާސިމް އިބްރާހިމް ވާނީ މިފަހަރު މޮޅުވާނެ ކެންޑިޑޭޓަށް ކަމަށެވެ.
ދޮރުން ދޮރަށް ކެމްޕެއިން އެ ޕާޓީން ފަށާފައިވާ އިރު، އެޕާޓީން އަންނަނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އެ ޕާޓީގެ ސަރުކާރެއްގައި ރާއްޖެއަށް ފުއްދައިދޭނެ ގިނަ ވައުދުތައް ހާމަ ކުރަމުންނެވެ. އެ ގޮތުން އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ފުއްދައިދޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ވަޒީފާގެ ފުރުސަތު އެންމެންނަށް ދޭނެ ކަމަށާއި ކިޔެވުމުގެ ފުރުސަތުވެސް ފަހިކޮށްދީ ބޭސްފަރުވާގެ ނިޒާމް ރަނގަޅުކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދިއުން މަދުކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަނގަޅު ސިއްހީ ނިޒާމެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަދި ޖޭޕީން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ހޯދައިދީ 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުން ދީފައިވާ ފްލެޓްތަކާއި ގޯއްޗަށް އާންމު ރައްޔިތުން ދައުލަތަށް ދައްކަމުންދާ ފައިސާ މައާފް ކޮށްދެއްވާނެ ކަމަށާއި ގާސިމްގެ ވެރިކަމުގައި އަޅައިދޭ ހައުސިން ޔުނިޓްތަކަށް ވެސް ރައްޔިތުން ދައުލަތަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
މި ހުރިހާ ކަމެއް ހާސިލް ކުރާނެ މޮޅު ފޯމިއުލާތަކާ އެކު މި އިންތިހާބުގައި ގާސިމް ވާދަކުރައްވަނީ އެތައް ތަޖުރިބާއަކާ އެކީގައި ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ. މީގެ ކުރިން ވެރިކަމަށް އައި ކޮންމެ ކޯލިޝަނެއްގައި ޖުމްހޫރީ ޕާޓީ ގުޅިފައި ވުމުން ހުރިހާ ސަރުކާރަކާ އެކުގައި ވެސް އެތައް ތަޖުރިބާއެއް ލިބިފައި ވާތީ ޖޭޕީގެ ވެރިކަމުގައި އެ ތަޖުރިބާތަކުގެ ބޭނުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.