ސިންގަޕޫރުން ބޭސް ފަރުވާ ހޯދަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގެންފިއެވެ.

މި މަހު 12 ވަނަ ދުވަހު ސަރުކާރުން ވަނީ 10 ދުވަހުގެ މުއްދަތެއް އަދީބަށް ދީފައެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ. އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން ބުނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއްކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.