ސިންގަޕޫރަށް ވަޑައިގަތުމުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައި، މީޑިއާ އަށް ނުރުހުން އަމާޒުކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ، އޭނާގެ ސަން ޓްރެވަލްސް ކުންފުނިން އެމެރިކާގެ ހިލްޓަން ކުންފުންޏާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ފެބްރުއަރީ 27، 2009 ގައި ވި އެއްބަސްވުން 2013 ވަނަ އަހަރު އުވާލި މައްސަލައިގައި ސަން ކުންފުނިން އެއްބަސްވުން އުވާލީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ކުރި އަމުރާ އެއްގޮތަށް އެ ފައިސާ ނުދެއްކުމުން އެ ގައުމުގެ ހައިކޯޓަށް ހާޒިރުވުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ފުލުހުން ވަނީ ސިޔާމްގެ ދިފާއުގައި ސިންގަޕޫރަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.
މިރޭ ރާއްޖެ އަށް އެނބުރި ވަޑައިގަތުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ، އޭނާ ސިންގަޕޫރަށް ވަޑައިގަތުމުން، އޭނާގެ ޕާސްޕޯޓު އެއްވެސް ވަރަކަށް ހިފަހައްޓައި ބަންދުކޮށް ހަދާފައި ނުވާ ކަމަށާއި، އެކަން އޭނާ އަށް އެނގިވަޑައިގަތީ ނޫސްތަކުގައި ޖަހާފައިވާ ސުރުހީތައް ފެނިގެން ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، މީޑިއާ އިން މި މައްސަލައިގައި އޭނާ އާއި ނުވަތަ އޭނާގެ ކުންފުންޏާ އެއްވެސް ސުވާލެއް ނުކުރާ ކަމަށާއި، ނޫސްތަކުން ދިޔައީ ހިތުހުރި ގޮތަކަށް ސުރުހީތައް ޖަހަމުން ކަމަށެވެ. އޭނާ ވަނީ މީޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މަގުމަތީގަ އުޅޭ ތަޅާ ކުދިން ގޮތަށް މީޑިއާ ބޭފުޅުން އެ މަސައްކަތްކުރައްވަނީ، އެއްވެސް ހަގީގަތެއް ނެތް ގޮތަށް މީހުންގެ އަގު ވެއްޓުމާއި، މީހުންގެ އަބުރު ވައްޓާލުމާއި، މިކަހަލަ ކަންތައް ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މީޑިއާގެ ޕްރޮފެޝަނަލިޒަމް ގެއްލިގެން ދާ ކަމެއް،"
މި ކަމުގެ އަޑީގައި ވަނީ ސިޔާމް ތުހުމަތުކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރުންގެ "ދަ ޑިމޮކްރެޓްސް" އެވެ.
ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން ސިޔާމް އެދިވަޑައިގަތީ އެ ސުވާލު އޭނާގެ ކުންފުނީގެ ވަކީލުންނާ ކުރުމަށެވެ.
ސަން ކުންފުނިން ހިލްޓަނަށް ފައިސާ ދައްކަން އެންގި މައްސަލައާ ގުޅިގެން މީގެ ކުރިން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން ސަން ޓްރެވަލްސްގެ އެކައުންޓްތައް ވެސް ފްރީޒް ކުރިއެވެ. ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަހުގެ ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވައެވެ.