ހެޔޮ ރަނގަޅު ނޫސްވެރިކަމެއް ކުރަން މަގުފަހި ކޮށްދިނުމަށް ކަމަށް ބުނެ ގޫގުލް އިން އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ޓެކްނޮލޮޖީ ތައާރަފު ކުރާކަން އިއުލާން ކޮށްފިއެވެ.
މި ޓެކްނޮލީއާއެކު ނޫސްވެރިންގެ ބޭނުން ކެނޑިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ގޫގުލް އިން ބުނީ، އޭއައި ޓޫލްގެ ބޭނުމަކީ، ހަބަރު ލިޔަން ނުވަތަ ނޫސްލިޔަން ނުވަތަ އެކި ރިޕޯޓްތައް ލިޔަން ބޭނުންވާ ރިސާޗް މައުލޫމާތު ފޯރުކޮށްދިނުމާއި ހެޑްލައިން [ސުރުހީ] ނަގާނެ ގޮތްތަކާއި އެކި ސްޓައިލްތަކުގ ލިޔުންތައް ލިޔުމަށް އެހީތެރިވެދިނުމުގެ އިތުރުން ކުދިކުދި މީޑިއާ ހައުސްތަކުންވެސް ފެންވަރު ރަނގަޅު ލިޔުންތައް އުފެއްދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ގޫގުލް އިން އިތުރަށް ބުނީ، ތަރައްގީ ކުރާ އޭއައި އިން ކޮށްދޭނެ މަސައްކަތަކީ، މިހާރުވެސް ގޫގުލް އައި ގޫގުލް ޑޮކްސް ފަދަ އެޕްލިކޭޝަންތަކުގައި ލިބެން ހުންނަ ފަސޭހަތަކާއި އީޖާދީ ކުރިއެރުންތައް ކަމަށެވެ.
"އަދި މިއުޅެވެނީ އުފެއްދުމުގެ މަރުހަލާގައި، އައިޑިއާތައް ހޯދަމުން މިދަނީ، މި ޓޫލް އައިނަމަވެސް ނޫސްވެރިންގެ ބޭނުން ނުހިފައެއް ނުވާނެ، ނޫސްވެރިން ހަބަރާއި މައުލުމަތު ހޯދާ ގޮތާއި ފެކްޓް ޗެކްކުރާ ގޮތްތައް މި ޓޫލަކުން ނައްތައެއް ނުލެވޭނެ"
ގޫގުލް އިން އޭއައި އެއް ތަރައްގީ ކުރާ ވާހަކަ ބުނެފައި ވާއިރު މިހާރު މަޝްހޫރުކަން ހޯދާފައިވާ ޗެޓްޖީޕީޓީ ފަދައިން މީހުންގެ އަޑުން ވާހަކ ދެއްކުމާއި ނުބައި މައުލުމާތު ދިނުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ޗެޓްޖީޕީޓީ ގައި މީހެއްގެ އަޑުން އަޑުއަޅާ ނުވަތަ އަޑުއިއްވާ ލެވޭ އިރު، ވާހަކަ ދައްކާ، ލަވާ ކިޔާ، އަދި ފޮތްފަދަ އެއްޗެއްހި ކިޔާލެވޭ އިރު، ކުރާ ސުވާލާ ދިމާނުވާ ނުވަތަ މައުލޫމާތު މައްސުނިވެގެން ޑިސްޕްލޭ ކުރާ ހާލަތުތައް އާދެއެވެ. އެހެން ދިމާވުމުން އެފަދަ މައުލުމާތުތައް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި މީހުން ހިއްސާ ކުރަމުން ދިޔުމުން އަސްލު އޮޅި ދޮގުމައުލޫމާތު ފެތުރެމުންވެސް ދެއެވެ.
ޕްރިންޓް މީޑިއާ އަށް އޮތް ޑިމާންޑް މުޅި ދުނިޔޭގައިވެސް ދަށްވަމުން ދާ އިރު އެތައްހާސް ބައެއްގެ ވަޒީފާވެސް ގެއްލެއެވެ. އީޖާދީ ޓެކްނޮލޮޖީގެ އެހީގައި މިއަދު އޮންލައިންގެ ބޭނުން ގިނަބަޔަކު ކުރަމުން ދާ އިރު ގޫގުލްގެ މި އޭއައި އާ މެދު ގިނަބަޔަކު ދަނީ ޝައްކު އުފައްދަމުންނެވެ.