އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓުމުން ދިވެހި ފުލުހުން ސިންގަޕޫރުގެ އެކި އިދާރާތަކަށް ސިޓީ ފޮނުވައިފިއެވެ.

ފުލުހުންގެ ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ޔޫނުސް ސޮބާހް ސޮއިކުރައްވާ ސިޔާމްގެ އެދިލެއްވުމަށް ފޮނުވި ސިޓީގައި ވަނީ ސިޔާމަކީ 19 ވަނަ ރައްޔިތުންގެ މަޖިީލީހުގެ މެންބަރެއް ކަމަށާއި އޭނާ އަކީ ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ސައުތު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމު ވެސް ސިޔާމް އަދާކުރެއްވިކަން އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ސިޔާމަކީ ކުށުގެ ރެކޯޑު އޮތް ބޭފުޅެއް ނޫން ކަމަށާއި އަދި ދިވެހި ފުލުހުންގެ ހިދުމަތުން މި ވަގުތު އެއްވެސް ކްރިމިނަލް ތަހުގީގެއް ހިންގަމުންދާ ފަރާތެއް ނޫން ކަމަށް ބުނެފައެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ މިހާރު ތަހުގީގު ކުރަމުންދާ ހިލްޓަން މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުންނެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ފޮރިން މިނިސްޓްރީއިން ވެސް ސިންގަޕޫރަށް ސިޓީއެއް ފޮނުވިއިރު އެ ސިޓީގައި ބުނެފައިވަނީ ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށާއި ރާއްޖޭގެ 4 ވަނައަށް އެންމެ ބޮޑު ޕާޓީ، އެމްޑީއޭގެ ލީޑަރު ކަމަށެވެ. އަދި ސިޔާމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތައް ހޯދާފައިވާ ފަރާތެއްކަން ވެސް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ސިޓީގައި ވަނީ ސިޔާމަކީ ރަނގަޅު ޝަހުސިއްޔަތެއްގެ ވެރިއެއް ކަމަށް ވެސް ބުނެފައެވެ.

އެ މައްސަލައަކީ ފެބްރުއަރީ 27، 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ މައްސަލައެެވެ. އަދި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތްފައިވަނީ އެ ފައިސާ ނުދައްކައިގެން ކޯޓަށް ހާޒިރުވުމަށް ފޮނުވި ޗިޓަކާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ސިޔާމް ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން ސަން ޓްރެވަލްސްގެ އެކައުންޓްތައް ވެސް ފްރީޒް ކުރިއެވެ. ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވައެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ މި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަނާއެކު ކެމްޕެއިންގައި އުޅުއްވަމުންނެވެ. އެގޮތުން އަތޮޅުތަކަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައިވެސް ސިޔާމް ބައިވެރިވެ ވަޑައިގަންނަވައެވެ.