ގޮދަނުގެ ބާވަތްތައް އޭޝިއާ ބައްރަށް އެންމެ ގިނައިން ބޭރުކުރާ ޔޫކްރައިން އާއި ރަޝިއާ އަދި އދ އާއި ތުރުކީ ވެފައިވާ އެއްބަސްވުމުން ރަޝިއާ ނިކުތުމާއެކު އޭޝިއާގައި ތަކެތީގެ އަގު އުފުލިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔޫކްރައިން އިން ބޭރުކުރާ ގޮދަނުގެ ބާއްވަތްތަކުގެ 46 ޕަސެންޓް އެތެރެ ކުރަނީ އޭޝިއަގެ ގައުމުތަކަށެވެ. ބާކީ ދަނީ ޔޫރަޕަށާއި އެފްރިކާ ބައްރަށެވެ. އދ ގެ ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން އެތެރެ ކުރަނީ ޗައިނާ އަށެވެ. އެއީ އަހަރަކު 7.7 މިލިއަން ޓަނުވެ. ޗައިނާއަށް އިމްޕޯޓް ކުރާ ތަކެތީގެ ތެރޭގައި 5.6 މިލިއަން ޓަނަކީ ކޯން [ގޮދަނުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ] އާއި 1.8 މިލިއަން ޓަނުގެ ސަންފްލާވާ ސީޑް އާއި އަދި ސަންފްލާފައި ތެލާއި ފުށް ހިމެނެއެވެ.
ޗައިނާއަށް އެތެރެ ކުރާ ކޯންގެ 30 ޕަސެންޓް އެތެރެ ކުރަނީ ޔޫކްރައިން އިން ކަމަށް ވާއިރު، އަންނަ ސެޕްޓެމްބަރަށް ހަމަވާ މިހާރު އޮތް އެގްރީމެންޓުން ރަޝިއާ ނިކުމެއްޖެ ނަމަ ޔޫކްރައިންގެ އެކްސްޕޯޓަށް ބުރޫ އަރާނެއެވެ.
ހަނގުރާމައިގައި ދެފަރާތުން ދެމުން ގެންދާ ހަމަލާތަކުގައި ދެފަރާތުގެ އިންފްރާސްޓްރަކްޗާ ނުވަތަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ހަލާކުވަމުން ދާތީ، ދެފަރާތުން ދަނީ އެކި ބާވަތުގެ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން ރަޝިއާގެ އަތްދަށުގައި އޮތް ކްރިމިއާގެ ބްރިޖަށް ޔޫކްރައިނުން ހަމަލާ ދޭތީ ރަޝިއާއިން ވަނީ ޔޫކްރައިންގެ އެކްސްޕޯޓް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ. ހަމައެހެންމެ ގޮދަނުގެ ބާވަތްތައް ހެދުމަށް ބޭނުން ކުރާ ކާރުހަނާތަކާ ގުޅިފައި ހުންނަ ބައެއް ފެކްޓަރީ ތަކަށް ރަޝިއާއިން ހަމަލާ ދޭ ކަމަށް ބުނެ، ކާނާ އެކްސްޕޯޓް ކުރުމަށް ބުރޫއަރާނެ ކަމުގެ އިންޒާރު ޔޫކްރައިނުން އަންނަނީ ދެމުންނެވެ.
މީގެ އިތުރުން، ހުޅަނގުގެ ހަތިޔާރު ޔޫކްރައިން އަށް ވަނަ ނުދިނުމަށްޓަކައި، އަޅާ ފިޔަވަޅެއްގެ ގޮތުން ކަޅުކަނޑުން ހުރަސް ކުރާ ކޮންމެ އުޅަނދެއްގައި ޔޫކްރައިނަށް ހަތިޔާރު ސަޕްލައި ކުރާ ކަމަށް ބަލައި ފައްތާލާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުން، ކާނާގެ ބާވަތްތައް ބޭރު ކުރުމަށް ހެދި އެގްރިމޭންޓުން ރަޝިއާ ބޭރުވުމުން އަގުތައް އުފުލިގެން ދިޔަ ނަމަވެސް ކުއްލިއަކަށް އެބަދަލެއް ނުފެންނާނެއެވެ. އެއީ ޔޫކްރައިންގެ އިތުރުން ބްރެޒީލް ފަދަ ތަންތަނުން ވެސް ޗައިނާ އިމްޕޯޓް ކުރުމާއި ހަނގުރާމައާ ހެދި ޔޫކްރައިނަށް ބަރޯސާވުމުގެ ބަދަލުގައި ޔޫރަޕުން ވެސް އެހެން ގައުމުތަކާއެކު އެއްބަސްވުންތައް ހަދަމުން ދާތީ ކަމަށް ބުނެއެވެ.
ނަމަވެސް މިކަން ދާއިމީ ވާން ދިމާވެއްޖެ ނަމަ އަގުތައް އުފުލީ އިންފްލޭޝަން މަތިވާނެ ކަމަށް އަންދާޒާ ކުރެއެވެ.
އެގޮތުން އެ ބަދަލު އައިސްފި ނަމަ ރާއްޖޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އުފުލިގެން ދާނެއެވެ.