ރަނިން މޭޓަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އިޖްތިމާއީ މަސައްކަތްތަކުގައި އުޅުއްވަނީ ޝައުގުވެރިކަމާއި ރައްޔިތުންނާއި މިގައުމަށް އޮތް ލޯބިން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި މީގެ ކުރިން މަސައްކަތްކުރެއްވިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އޭގެ ނަފާ އެތައް ގުނަ އިތުރުކޮށްދެވޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ މާ ބޮޑަށްވެސް އިގްތިސާދުފުޅާ ކޮށްލެވޭނެ ކަމަށާއި ހާއްސަކޮށް ޒުވަނުންނަށް ފަށާފައި ހުރި މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކަމަކީ ވަކި ހިސާބަކުން "ސްޓޮޕް" ޖަހާލަން ޖެހޭ ކަންކަމެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް ކުރިއެރުން ނުވަތަ ކުރިއަށް ގެންދިއުން އޮންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މަގާމުގައި ހުރެގެން ރައީސް ހަވާލުކުރެއްވި ކަންތައްތައް ހާއްސަކޮށް ސޯޝަލް ސެކްޓަރުގެ ކަންތައއްތަކުގައި މީހުން ބިނާކުރުމާއި ޒުވާނުން މުޖުތަމައަށް ނެރުމާއި އެމީހުންނަކީ މުޖުތަމައަށް ބޭނުންވާ ކަހަލަ ބައެއް ކަމަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރެއްވި ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ސްކޫލު ދައުރުން ފެށިގެން ކުދިން މަސައްކަތްތައް އަހުލުވެރިކުރުމާއި ޓޫރިޒަމް ދާއިރާ އެކި މަގާމުތަކަށް އިތުރަށް މީހުން ތައްޔާރުކުރުން ހިމެނޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ އެކަންކަން ފުރިހަމަކުރަން ފުރުސަތު ބޭނުން ކަމަށާއި ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގައި ގޮތް ނިމުމަކީ އެހެން ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް ސޯލިހު ފަދަ ބޭފުޅެއް ލިބުމަކީ ހަމަ ނަސީބެއް ކަމަށާއި ނަސީބު އަތުގައި ހިފައިފައިވާ ކަމަށެވެ.