އާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު ނުވަތަ އާޝޫރާ ދުވަހާ ޖެހިގެން އަންނަ ދުވަހު ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ހަގީގީ ބާއްޖަވެރިކަމުގެ މައުލޫއަށް ކަމަށް ވާއިރު ހުތުބާގައި ވަނީ މުސްލިމުންނަށްޓަކައި މާތް ﷲ ހާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ބުނެފައެވެ.
ހުތުބާގައި ވަނީ މުހައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި ތަފްސީރު ފޮތްތަކުގައި ބަޔާންވެގެންވާ ގޮތުން މާތް ﷲ އާދަމްގެފާނުގެ ތައުބާ ގަބޫލުފުޅު ކުރެއްވީ އާޝޫރާ ދުވަހު ކަމަށް ފާހަގަކޮށްފައެވެ. އަދި ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ތޫފާނުން ސަލާމަތް ކުރެއްވީ އެ ދުވަހު ކަމަށްވެސް ވަނީ ބުނެފައެވެ.
އިބްރާހީމުގެފާނު އަންދާލުމަށް، ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތް ކުރެއްވީ އަދި ޔޫސުފުގެފާނުގެ އަހުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފާނުގެ ބަފައިކަލުން ޔައުގޫބުގެފާނު އަލުން ބައްދަލުވެ ވަޑައިގަތީވެސް ހަމަ އާޝޫރާ ދުވަހު ކަމަށް ހުތުބާގައި ވަނީ ކިޔައިދީފައެވެ.
އޭގެ އިތުރުން ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީ އަދި އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ އާޝޫރާ ދުވަހުގައެވެ. އަދި އާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޣަރަގުކުރެއްވި ދުވަހެވެ.
ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ މަދީނާއަށް ހިޖްރަކުރެއްވިއިރު އެ ރަށުގެ ޔަހޫދީން އާޝޫރާ ދުވަހު ރޯދަ ހިފާތީ، އެއީ ކީއްވެގެން ހިފާ ރޯދައެއްތޯ އެމީހުންނާ ސުވާކު ކުރެއްވުމުން އެ ދުވަހުގައި މާތް ﷲ މޫސާގެފާނު ސަލާމަތް ކުރައްވާފައިވާތީ ކަމަށް ބުނި ކަމަށެވެ.
އާާޝޫރާ ދުވަހު ރޯދަ ހިފުމުގެ ސަވާބު ބަޔާންކޮށް ދެއްވާ ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވަނީ އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް މާތް ﷲ ފުއްސަވައި ދެއްވާނެ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޔަހޫދީންނާ ހިލާފަށް އެ ދުވަހާއެކު އޭގެ އެއް ދުވަސް ކުރިން ނުވަަތަ އެއް ދުވަސްފަހުން ރޯދަ ހިފުމަށް ރަސޫލާ ހަދީސްކުރެއްވި އެހެން ބަސްފުޅެއްގެ މާނާގައިވެއެވެ.
ހުތުބާގައި ވަނީ އާޝޫރާ ވިލާރޭގައި "އާޝީރާ ދުއާ" ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުއު ކުރައްވާފައެއް ނެތް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މުހައްރަމު މަހަކީ މާތް ﷲ ހުރްމަތްތެރި ކުރައްވާފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް ކަމުގައި ވެސް ހުތުބާގައި ވަނީ ބުނެފައެވެ.