"ޖެމްސް ވޯކްސްޕޭސް" ސަރުކާރުގެ ބައެއް އިދާރާތަކުން ރަސްމީކޮށް ބޭނުންކުރަން ފަށައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

"ގަވަމަންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި ސަރުކާރުން ވަނީ އާ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ޖެމްސް ވޯކްސްޕޭސް މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އިފްތިތާހް ކޮށްފައެވެ.

ޖެމްސް ފަރުމާކޮށްފައި ވަނީ، ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރު ކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭ ގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮއިއާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވޯކްސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓީ ފޮނުވައި މުއާމަލާތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

“ޖެމްސް ވޯކްސްޕޭސް" ބޭނުންކުރަން ފަށައިފައި ވަނީ، ރައީސް އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިގެ އިތުރުން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ އާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. އެ ތަންތަނަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް މިވަގުތު ވެސް ޖަވާބު ދިނުމަށް ޖެމްސް ބޭނުން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްލެޓްފޯމްގެ ސަބަބުން އެތައް ލުއި ފަސޭހަތަކެއް ލިބިގެން ދާއިރު “ޖެމްސް ވޯކްސްޕޭސް" ތަންފީޒު ކުރުމަށް ހަމަޖެހިފައި ވަނީ 3 މަރުޙަލާއަށް ބަހައިލައިގެން ކަމަށް ރައިސް އޮފީހުން ބުނެއެެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވޯކްސްޕޭސް" ތަންފީޒުކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންދިއުމުގައި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލެއްވުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

"ޖެމްސް ވޯކްސްޕޭސް" އަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އޮފީސް ބަންދު ގަޑިތަކުގައި ވެސް އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ޕްލެޓްފޯމެކެވެ. އަދި މި ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ އަދުގެ ދުނިޔޭގައި މިސާލު ޖަހާފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް މިސްރާބު ޖަހަން ފެއްޓުމަށް ވެސް "ޖެމްސް ވޯކްސްޕޭސް" އެހީތެރިވެދޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.