ރާއްޖޭގެ ވެރިކަން ކުރުމަށް އެންމެ "ލާއިގު" ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު އޭގެ ސަބަބުތައް ވެސް އެ ޓްވީޓުގައި ސާފުކޮށްދެއްވާފައި ވެއެވެ. އެގޮތުން މުސްތަފާ ވިދާޅުވި ގޮތުގައި ގާސިމް އަކީ އޭނައަށް މީހަކު އަނިޔާއެއް ދިނަސް އެކަން 'ހިތުގައި އަޅައިގެން އުޅޭ' ބޭފުޅެއް ނޫން ކަމަށާއި އަދި އޭނާއަކީ ސަރުކާރެއް ހިންގުމުގެ ފުރިހަމަ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

ގާސިމަކީ ސަރުކާރުގެ އިސް މަގާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި މުސްތަފާ އިތުރަށް ވިދާޅުވީ، ގާސިމް ވަނީ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރު ކަމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައި ކަމަށެވެ.

މީގެ އިތުރުންވެސް މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "މި ފަހަރަކީ ގާސިމް އިބްރާހިމްގެ ފަހަރު. އިންޝާﷲ" ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައި ކެމްޕެއިންގެ ހަރަކާތްތައް ފެށި ނަމަވެސް އިއްޔެ ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ ތިން ޕާޓީއަކީ ޑިމޮކްރެޓްސް، އެމްއެންޕީ އަދި ޖޭޕީއެވެ.

ކުރިއަށް އޮތް ތަނުގައި ޕީޕީއެމްއާއި އެމްއާރްއެމްއާ މަޝްވަރާ ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވި ނަމަވެސް ޕީޕީއެމް އިން ބުނީ ހުރިހާ އިދިކޮޅު ޕާޓީތައް އެއްބަސްވާ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސުމަށެވެ. ނަމަވެސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ހުއްޓިފައި އޮތުމުން، އިންތިހާބުގެ ކުރިން މިނިވަންވެވަޑައިގެން އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.

އެއާ ހިލާފަށް އެމްއާރްއެމް އިން ބުނީ މީގެ ކުރިން ޖޭޕީން ދިން ދައުވަތު ގަބޭލުކޮށް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ހަބަރެއް ނުވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވި ކޯލިޝަންގައި އެމްއާރުއެމް އިން ބައިވެރިއެއް ނުވެއެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.