އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިއެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ މިހާރު ތަހުގީގުކުރަމުންދާ ހިލްޓަން މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުންނެވެ.

އެ މައްސަލައަކީ ފެބްރުއަރީ 27، 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ މައްސަލައެެވެ. އަދި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތްފައިވަނީ އެ ފައިސާ ނުދައްކައިގެން ކޯޓަށް ހާޒިރުވުމަށް ފޮނުވި ޗިޓަކާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ސިޔާމް ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން ސަން ޓްރެވަލްސްގެ އެކައުންޓްތައް ވެސް ފްރީޒް ކުރިއެވެ. ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވައެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ މި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަނާއެކު ކެމްޕެއިންގައި އުޅުއްވަމުންނެވެ. އެގޮތުން އަތޮޅުތަކަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައިވެސް ސިޔާމް ބައިވެރިވެވަޑައިގަންނަވައެވެ.