އައިޖީއެމްއެޗްއިން ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ގޮއްވާ ބައި ނަގައިފިއެވެ.

އެކަން ހާމަކުރައްވާ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓާ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާއިން ކުޅެން ގެންގުޅޭ ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ބައި ނަގާފައިވާ ކަމަށެވެ.

އެ ކުއްޖާ އުޅުނީ އެ އަޑު ގޮވާ ބައި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ ކޮއްކޮއަށް އެ މަންޒަރު ދައްކަން ކަމަށާއި އެހެން ނަމަވެސް އެ ކުއްޖާއަށް އޭތި ދިރުވާލެވުނީ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވަނީ އަނގަ ތެރެއަަށާއި ދެ ތުންފަތް ދޭތެރޭގައި އެފަދަ އެއްޗެހި ލައިގެން އުޅުމީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޓީމާއި ހޭނައްތާ ޑޮކްޓަރުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އެކަމުގައި ހަރަކާތްތެރިވި އެހެން ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ޑރ. މުހައްމަދު އަލީ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ހާދިސާތައް މީގެ ކުރިންވެސް ދިމާވެފައިވާއިރު އައިޖީއެމްއެޗުން ވަނީ ނޭވާ ހޮޅިން ގާކޮޅުކޮޅާއި ޕްލާސްޓިކް އަދި ޕިން ފަދަ ތަކެތިވެސް ނަގާފައެވެ.