ޑައިރެކްޓަރު އަލީ ސީޒަންގެ "ކައުޝީ"ގެ ޕްރިމިއާ ނައިޓް އަށް ދިޔައިރުވެސް ހިތުގައި ތަފާތު ސުވާލުތަކެއް ހުއްޓެވެ. ސިންހަޅަ ފިލްމެއް އުފެއްދިއިރު އެ ފިލްމު ދިވެހިން ޑަބް ކޮށްފައި އޮތުމުން އޮޑް ނުވާނެބާއޭ ހިތުގައި ސުވާލު އުފެދުނެވެ. އެންމެ ފުރަތަމަ ވެސް ހިތަށް އެރީ ސިންހަޅަ ބަހުން އެ ފިލްމު ގެނެސްދީ އިނގިރޭސި ނުވަތަ ދިވެހި ބަހުގެ ޓްރާންސްލޭޝަން ފިލްމާއެކު ނުހިމެނީ ކީއްވެބާއެވެ. މައްސަލައެއްނެތްތާއެވެ. ރޭ އޮލިމްޕަހަށް ގޮސް ކައުޝީ ބެލިއިރު ދިވެހި ބަހުން ފިލްމު ޑަބްކޮށްފައި އޮތް އިރު އެއްވެސް އޮޑް ކަމެއް ފާހަގައެއް ނުވިއެވެ. ކޮންމެ ކެރެކްޓާއެއްގެވެސް އަޑު އެ ކެރެކްޓާ އާ ގުޅެއެވެ. ޒަމާންގަނޑަކަށް ފަހު ބިރުވެރި ފިލްމެއް ބަލަން އޮލިމްޕަހަށް ދެވޭތީ ހުރީ ވަރަށް އުފަލުންނެވެ.

އަވަށްޓެރި ލަންކާގެ ތަރިން ހިމަނައިގެން ސީޒަން ޑައިރެކްޓްކުރި މި ފިލްމަކީ މިއަހަރު އޮލިމްޕަހަށް ގެނައި އޭނާގެ ދެވަނަ ފިލްމެވެ. ލޯބީގެ ބިރުވެރި ހާދިސާ އަކަށް ބިނާކޮށް ސީޒަން ގެނެސްދިން މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާ ވެގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމްގެ މަންޒަރުތައް ނަގާފައި ވަނީ ރާއްޖޭގެ ޒުވާން ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. ފިލްމްގެ ބެކް މިއުޒިކް ހަދައިދީފައި ވަނީ އައްޔުމަން ޝަރީފެވެ.

  • ތަރިން

ރަންގި ރާޖަބަކްޝާ (ކައުޝީ)، އަމިލަ ކަރުނަޔަކަ (އަބީޝޭކް)، ބިޔަންކާ އަމަރްޝިންގޭ (ކެވިން)، ސަކޫރާ އަތުތަނަޔަކޭ (ދީނޫ/ ޗުއްޓީ)، އިސުރު ސަމްޕަތު (ރޯޝަން)، ރުޕާ ގޯމާޒް (ޗަމިންދާ) އަދި ޔަމޫނާ ކުމާރީ (ސޯމާ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ކައުޝީގެ ބައްޕަ މަރުވުމުން އޭނާ ދިރިއުޅެމުން އައި ގެ ދޫކޮށްލުމަށް ފަހު ދިރިއުޅެމުން އައި ހިސާބުގަނޑާ އެކަހެރި ހިސާބެއްގެ ގެއެއް ގަނެ ކޮއްކޮގެ ޗުއްޓީ އާއެކު ބަދަލުވީ ބައްޕަގެ މަރުގެ ހަގީގަތް ހޯދުމަށެވެ. އެ ހިސާބުން ކައުޝީ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކެވިން އާ ދިމާވެއެވެ. ކެވިން އާއި އޭނާގެ ރަހުމަތްތެރިޔާ ރޯހަން، ކައުޝީމެންގެ ގެއަށް ބަދަލުވެއެވެ. ދެން ފެނިގެން ދަނީ އެ ހަތަރު މީހުންގެ ހަޔާތުގައި ވެސް ދުވަހަކުވެސް ދިމާނުވާފަދަ ބިރުވެރި ހާދިސާތަކެވެ. މިއީ މި ފިލްމުގެ މައިގަނޑުގެ ވާހަކައެވެ.

ފިލްމު ފެށިގެން ދިޔައީ ކައުޝީ އާއި އޭނާގެ ކޮއްކޮ ޗުއްޓީ، އާ ގެއަކަށް ބަދަލުވާ ހިސާބުންނެވެ. ހަމަ އެދުވަހު ޗުއްޓީ އަށް އެގޭތެރެއިން އާދަޔާ ހިލާފު ކަންތައްތަކެއް އިހުސާސް ކުރެވެން ފަށައެވެ. ނަމަވެސް ލޯބިވާ ދޮންތަ ގާތު އެވާހަކަ ސިއްރުކުރިއެވެ. އެގެއަށް މަސައްކަތް ކުރަން އަންނަ ސޯމާ އަކީ ވަރަށް ބިރުގަންނަ މީހެކެވެ. އަބަދުވެސް އެ ގޭތެރެއިން އެއްޗެހި ފެންނަ ކަމަށް ސޯމާ ގަބޫލުކުރެއެވެ. އެކަމަކު އޭގެ އެއްވެސް ހަގީގަތެއް އޭނާއަކަށް ނޭނގެއެވެ. އެ ގެއާ އިންވެގެން ހުންނަ ކުޑަ ގެގަނޑުގައި އުޅެނީ ގެ ބަލަހައްޓާ ޗަމިންދާ އެވެ. ޗަމިންދާ އަށް އެ ގޭގެ އަސްލު ހަގީގަތް އެނގޭއިރު، އެ ހުރިހާ ކަމެއް ކައުޝީ އަށް ސިއްރުކުރެއެވެ.

ރޯހަން އަށް ޗުއްޓީ ކަމުދެއެވެ. އަދި ޗުއްޓީ ހާސިލް ކުރުމަށް އޭނާ މަސައްކަތް ކުރެއެވެ. އެކަން ރޯހަން ކާމިޔާބުވެސް ކުރެއެވެ. ކެވިން، ކައުޝީ އާއެކު އެގެއަށް ބަދަލުވިއިރުވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލެއް އޮތެވެ. އެއީ ކައުޝީ، ކެވިން ދޫކޮށްލާފައި ދާންޖެހުނު ސަބަބެވެ. ކައުޝީ އާއި ކެވިންގެ ލަވް ސްޓޯރީ އަޑުއަހަން ރޯހަން ބޭނުންވެއެވެ. އަދި ޗުއްޓީ ގާތު އެވާހަކަ އެހުމުން ޗުއްޓީ ވާހަކަ ކިޔައިދޭން ފަށައެވެ.

އެހިސާބުން ފިލްމުގެ ސޮފްހާތަށް މާޒީއަށް ދިޔައެވެ. ކެވިން އާއި ކައުޝީ ދިމާވީ ބަހެއްގެ ތެރެއިންނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާ ގަޔާވެވުނެވެ. ކެވިންގެ ނަންބަރު އޭނާ ކައުޝީ އަށް ދިނުމުން ކައުޝީ ކެވިން އަށް މެސެޖު ކުރެއެވެ. އެ މެސެޖު ވެގެންދިޔައީ އެދެމީހުންގެ ލޯބީގެ ފެށުމަށެވެ. ނަމަވެސް އޭގެ މާގިނަ ދުވަހެއް ނުވެ ކައުޝީގެ ބައްޕަ ނިންމި ނިންމުމަކުން ކައުޝީ އަށް ކެވިން އާ ދުރަށް ދާން މަޖުބޫރު ވެއެވެ. ކެވިންގެ ހިތް ހަލާކު ކޮށްލުމަށް ފަހު ކައުޝީ އޭނާ އާ ރުޅިވިއެވެ. ޗުއްޓީގެ އެވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހަން ރޯހަން އިނެވެ.

ކައުޝީގެ ޕޯސްޓަރެއް---

ދެން ފެނިގެންދަނީ ފިލްމުގެ މަންޒަރު ބަދަލުވާ ހިސާބެވެ. ގޭގެ އެކި ހިސާބުތަކުން ނާމާން އަޑުތައް އިވެން ފަށައެވެ. އެއްޗެހި ފެންނަން ފަށައެވެ. އެންމެ ފުރަތަމަ ކެވިން އެކަމާ ދެކޮޅު ހަދައެވެ. ނަމަވެސް އޭނާގެ ހަމަލޮލަށް އެ އެއްޗެހި ފެނި އަޑުތައް އިވެން ފެށުމުން ކެވިންއަށް ވެސް މަޖުބޫރުވީ އެގޭތެރެ ނާމާން ކަމަށް ގަބޫލު ކުރާށެވެ. ކައުޝީ އަށް ނޭވާލާން އާދަޔާ ހިލާފަށް އުނދަގޫވެ ހޭނެތުން އާންމުވެއެވެ. ޗަމިންދާ ބޭނުންވީ އެ ހަތަރު މީހުންވެސް އެގެއިން އަވަހަށް ދިޔުމަށެވެ. ނަމަވެސް ކެވިން މެން އެގެއިން ދިޔުމަށް ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެގެއިން ބޭރަށް ނުކުމެވޭ ގޮތެއް ނުވެއެވެ. އަވަސް މަންޒަރުތަކެއް ފިލްމުން ފެނިގެން ދިޔައިރު ފިލްމުން ދެން ފެނިގެން ދިޔައީ ޓްވިސްޓްއެވެ. އެ ޓްވިސްޓް ވެގެން ދިޔައީ އެންމެ ހީނުކުރި ޓްވިސްޓަށެވެ. ފިލްމު ބަލަމުން ދިޔައިރު ޕަޒަލް ފުރިހަމަ ކުރަން މަސައްކަތް ކުރީމެވެ. އެކަމަކު އެއްކޮށް ފުރިހަމައެއް ނުކުރެވުނެވެ. ފިލްމުގެ ޓްވިސްޓަކީ އެކަކުވެސް ހީކުރި ޓްވިސްޓެއް ނޫނެވެ. ފިލްމުގެ ޓްވިސްޓް ވަރަށް ސަޅިއެވެ.

ފިލްމުގެ ހުރިހާ ތަރިންނަށް އައްސަރިބަހާ ސާބަސް

އަވަށްޓެރި ލަންކާގެ ސީރީޒްތަކުން ފެނިގެންދާ ރަންގި ގެ ފުރަތަމަ ފިލްމަކީ ވެސް މި ފިލްމެވެ. ރަންގި ބުނީ މި ފިލްމަކީ އޭނާގެ ކެރިއަރުގެ ޓާނިން ޕޮއިންޓް ކަމަށެވެ. ފިލްމުގައި އޭނާގެ ކެރެކްޓާ ވަނީ ވަރަށް ފުރިހަމަ އަށް ޑެލިވާކޮށްލަދީފައެވެ. މޫނުމަތީ އިހުސާސްތައް ގެނެސްދީފައިވާ ގޮތް މޮޅެވެ. ފިލްމުގައި ކެވިންގެ ރޯލުން ފެންނަ ބިޔަންކާ ފެނިފައި އެންމެ ފުރަތަމަ ވެސް ހިތަށް އެރީ ނަހުލާގެ "ބޮސް" ކުޅެދިން ޔުނާން މަތިންނެވެ. ބިޔަންކާގެ މޫނު މަތީ ހަރަކާތްތައް ފެނި ކުޑަކޮށް ހިތަށް އަސަރުކުރާ ގޮތްވިހެން ވެސް ހީވިއެވެ. ބިޔަންކާ ހާދަހާ މޮޅެވެ. ފިލްމުގައި ދެން ފެނިގެންދިޔަ ސަކޫރާ، އަމިލަ އަދި އިސުރުގެ އެކްޓިން ވެސް ވަރަށް ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮޮށް އަމިލަ އާއި ސަކޫރާގެ އެކްޓިން ފާހަގަ ކޮށްލެވެއެވެ. ފިލްމުގައި ފެނިގެންދިޔަ ޔަމޫނާ އާއި ރުޕާގެ ކެރެކްޓާ އާއެކު ފިލްމު ފުރިހަމަ ވެގެން ދިޔައެވެ. ބައެއްފަހަރު ޔަމޫނާ އުޅޭގޮތުން ހީހީ ހަލާކުވާ ވަރުވެއެވެ. ފިލްމުން ފެނިގެންދިޔަ ހުރިހާ ތަރިންގެ އެކްޓިން ވަރަށް ކަމުދިޔައެވެ.

ފިލްމު ގެނެސްދިން ދިވެހި ޓީމު ވަރެއް ނެތް

ލަންކާ އެކްޓަރުން ލައްވައި މި ފިލްމު ހެދި ނަމަވެސް މި ފިލްމުގެ ވަކި ވަކި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ދިިވެހިންނެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ ނަން މަޝްހޫރު މީހުންނެވެ. އެކަމަށް ސަތޭކައަކުން ސަތޭކަ ދޭނަމެވެ. ހާއްސަކޮށް މި ފިލްމުގެ ސައުންޑްގެ މަސައްކަތަށް ހަމަ އެއްހާހެވެ. ފިލްމު ބަލަން އިންނައިރުވެސް ހީވަނީ ކަންފަތްދޮށުގައި ފިލްމުގައި ދެކެވޭ ވާހަކަ ދައްކާހެންނެވެ. ސިއްސަ ސިއްސައިގެންދާ މަންޒަރުތައް އެހާވެސް ފުރިހަމަވީ ފިލްމުގެ ސައުންޑަށް ކޮށްފައިވާ ބުރަ މަސައްކަތުންނެވެ. ފިލްމުގެ ކެރެކްޓާތަކަށް އަޑުއަޅައިދީފައި ވަނީ އަހްމަދު ނިމާލް، އާމިރާ އިސްމާއިލް، އާއިޝަތު ރިޝްމީ، އަލީ ސީޒަން، އަހްމަދު ސައީދު، ޝާރިފް، ކޮކޯ ހަސަން، މުހައްމަދު ފައިސަލްއެވެ. ފިލްމުގައި ފެނިގެން ދިޔައި ލަންކާ ތަރިންގެ އެކްޓިން އާ އެއްވަރަށް ދިވެހި ތަރިންގެ އިމޯޝަން އަޑުން ފެނިގެން ދިޔައެވެ. މި ފިލްމަކީ ބުރަ މަސައްކަތެކެވެ.