އިދިކޮޅު ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހަމަޖެއްސުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމް އިން ގޮވާލައިފިއެވެ.

ޕީޕީއެމް އިން މިހެން ބުނެފައި ވަނީ ޕީޕީއެމްއާ ވާހަކަ ދައްކައިގެން އެންމެނަށް ރުހެވޭނަމަ 1 ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޖޭޕީން އެއްބަސްވެފައި ވަނިކޮށެވެ. މިއަދު ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް މިއަދު އެއްބަސްވެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މިހާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމަށްޓަކައި ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ހަމަޖެއްސުމަކީ އެ ޕާޓީން އެދޭގޮތް ކަަމަށެވެ. އަދި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައިވަނީ ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ އިއްތިފާގުން ކަމަށާއި އެއާއެކު އެ ކޯލިޝަންގެ ރިޔާސީ ޓިކެޓުވެސް އެ މަނިކުފާނަށް އަރުވާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ކޯލިޝަންގެ ފަރާތުން މިހާރުވެސް ކުރަމުންދާ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި އެ ބަޔާނުގައި މި ސަރުކާރުގެ ވެރިކަން ނިންމުމަށް ޕާޓީތަކުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކޮށް މަރުހަބާ ކިޔާފައިވެއެވެ.

މިއަދު 1:30 ގައި ފަށާއި ބައިގަޑިއެއްހާ އިރު ތެރޭ ނިންމާލި ބައްދަލުވުމަށް ފަހު 3 ލީޑަރުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި އިތުރަށް ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރޭ ފޯމިއުލާއަށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމް އާއި އެމްއާރުއެމް އިން އެ ގޮތަށް އެއްބަސް ނުވާނަމަ އެ 3 ޕާޓީންވެސް ވަކިން ވާދަ ކުރާނެ ކަމަށެވެ.

މިއަދު 3 ޕާޓީގެ ބައްދަލުވުމަށް ފަހު ގާސިމް، ނަޝީދު އަދި ނާޒިމް

މިއަދު 3 ޕާޓީން ޕީޕީއެމްއާވެސް މަޝްވަރާކޮށް އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކަ ބުނެފައި ވާ އިރު ޕީޕީއެމް އިން އަބަދުވެސް ބުނަމުން ދަނީ އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅާފައި ވާ ކަމަށާާއި އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ނަމަވެސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ހުއްޓިފައި އޮތުމުން، އިންތިހާބުގެ ކުރިން މިނިވަންވެވަޑައިގެން އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.

މި ސަރުކާރުގެ ކޯލިޝަަން ޕާޓުނަރެއް ކަމަށް ވާ އެމްއާރުއެމްގެ މަޝްވަރާ ހޯއްދަވާ ވާހަކަ ގާސިމް ވިދާޅުވި، އަންނަ އިންތިހާބުގައި ކުރިއަށް ދާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވި ކޯލިޝަންގައި އެމްއާރުއެމް އިން ބައިވެރިއެއް ނުވެއެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.