1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓް ތަކަށް އިއްޔެ ޖަމާކޮށްފިއެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26.8 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހުންނަށް އެ ފައިސާ ބަހާފައިވާއިރު އެއީ ކޮންމެ ބޮލަކަށް 3،500 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައި ވަނީ މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7062.65 ރުފިޔާ ކަމަށެވެ.

ޖޫން 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އެ ކުންފުނިން ވަނީ އޮންލައިންކޮށް ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 91.53 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.