ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލް ތަކަށް ސަރުކާރުން ދޭ އެހީގައި މިއަހަރަށް ބަޖެޓުގައި ހިމަނާފައި ވާ 30،800،000 ރުފިޔާގެ އެހީ އެންވާރަމަންޓް މިނިސްޓްރީން ކައުންސިލްތަކާ ހަވާލު ކޮށްފިއެވެ.

މިއީ ސަރުކާރުން ކައުންސިލްތަކަށް ކުނި މެނޭޖްކުރުމަށް އެހީގެ ގޮތުގައި ފައިސާ ދޭ ފުރަތަމަ ފަހަރެވެ. އަދި މި ފައިސާ ހަވާލު ކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، އެ ރަސްމިއްޔާތުގައި 178 ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، މި އެހީގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށާއި އެކަމަށް ކުރާ ހަރަދުތައް ފޫބެއްދޭނެ ކަމަށެވެ. މިއީ މިފައިސާ ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމުގައި ވިޔަސް މީގެ ފަހުން ކޮންމެ އަހަރަކު ވެސް މޯލްޑިވްސް ގްރީން ފަނޑުން މިކަމަށް ބަޖެޓް ކަނޑައަޅައި ބަޖެޓްގައި ހިމަނައިގެން މި އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މި އެހީ ފޯރުކޮށް ދިން ނަމަވެސް މިހާރުވެސް ރަށްރަށުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ވެސް ޝައުނާ ވަނީ ދެއްވާފައެވެ. އެފަދަ ކަންކަމުގެ ތެރޭގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމް ކުރުމާއި އެތަންތަނަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދިނުމާއި ރަށުން ކުނި ބޭރުކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރެވޭނެ ގޮތްތައްވެސް ފަހިކޮށްދޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ހަވާލުކުރި ފައިސާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ގެންގުޅޭ އާލާތްތައް ހިންގުމަށާއި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ހިނގާ ހަރަދު ފޫބެއްދުމެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި ކައުންސިލްތަކުން ވަނީ ޒަމާނުއްސުރެ ކައުންސިލްތަކުން ކުރަމުން އައި ކުނި މެނޭޖްކުރުމުގެ މައްސަލަތަކުގެ ޝަކުވާއަށް އިޖާބަ ލިބުނު މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްފައެވެ. އަދި މިއީ އެރަށްރަށަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަން ފާހަގަކޮށް ކައުންސިލްތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.