އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވުމަށް ޝައުގެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް ވިދާޅުވެ، ފެތުރެމުންދާ ވާހަކަތަކަށް ރައްދުދެއްވައެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ ރަނިންމޭޓަކަށް ވުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެ ވާހަކަ ކޮންމެވެސް ސަބަބަކާ ހުރެ ދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިއްޔެ ވިދާޅުވީ ސިކުނޑީގައިއިން އެންމެ ބޮޑު އެއް މައްސަލައަކީ ރަނިން މޭޓެއް ކަނޑައެޅުން ކަމަށާއި އެއީ ގޮތެއް ނިންމަން ޖެހިފައި އޮތް މައްސަލައެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ވަކި ވަކިން ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަފުޅު ދައްކަވާ، އެ ބޭފުޅުންގެ ހިޔާލު ހޯއްދަވާ ކަމަށާއި ކޮންމެ ދުވަހަކާއި ކޮންމެ ރެޔަކު އެކަމުގައި ގޮތެއް ނިންމުމާ ގުޅޭގޮތުން ވާހަކަފުޅުދައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް ލިބިވަޑައިގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ފޯމުލުމުގެ ކުރިން ރަނިން މޭޓަރު ކަނޑައަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި ކޯލިޝަނެއް ހަދާފައިވާއިރު އެ ޕާޓީތަކުގެ އިސް ބޭފުޅުން ރައީސް ސޯލިހުގެ ކެމްޕެއިންގައި ހަރަކާތެރިވެއެވެ. އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.