"ކިތަންމެ ބާރަށް، އަޑުހަރުކޮށް ތަކެތީގެ އަގު ބޮޑުވެޔޭ ބުންޏަސް އެމްއެމްއޭއިން އެ ބުނަނީ ތަކެތީގެ އަގު މިހާރު މިދަނީ ދަށަށޭ." މިއީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ދަށަށް ދާކަން ހާމަ ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅެވެ.
މީގެ ކުރިން 10 ލާރި އަށް ލިބުނު ކަޅުސައިތަށި މިހާރު އެ އަގަށް ނުލިބޭނެކަން އެންމެންވެސް ދަނެއެވެ. ދުނިޔެއަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލެމުން ދާއިރު ރާއްޖޭގެ ބާޒާރަށް ވެސް އެ ބަދަލުތައް އަންނާނެކަން ވެސް އެނގެއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިސާބުތަކާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރާ ހިސާބުތަކަށް ބެލީމައި، ކޮވިޑްގެ ފަހަށް އަދަދުތައް ތިރިއަށް ޖެހޭތަން ފެނެއެވެ. 2022 ގެ ސެޕްޓެމްބަރާއި ޑިސެމްބަރުގައި 3 ޕަސެންޓުން އުފުލެމުން ގޮސް 2023 ގެ ޖެނުއަރީ ނިންމީ 4 ޕަސެންޓުން މަތީގައެވެ. އެ މިނގަނޑު އެޕްރީލް އާ ހަމައަށް ހިފެހެއްޓިގެން އައިސް މެއި މަހު އިންފްލޭޝަން ވަނީ 3.3 ޕަސެންޓަށް ވެއްޓިފައެވެ.
އިންފްލޭޝަން ދަށްވުމަކީ ބާޒާރުގެ އަގުތަށް ހެޔޮވަމުން ދާ ކަމުގެ ސިގްނަލެކެވެ. ނަމަވެސް ބާޒާރު ކުރާ އާންމުން ބުނަނީ، މުޅިން ތަފާތު ވާހަކައެކެވެ.
ޓެކްސް ބޮޑުކުރުމުގެ ކުރިން 50ރ. އަށް ލިބޭ ކޮފީތައްޓެއް މިހާރު ލިބެނީ 63ރ. އަށެވެ. ބޮޑު މައިލޯ ދަޅެއް 85ރ. އިން 135ރ. އުފުލިއްޖެއެވެ. ސަން ކްއިކް 85ރ. އިން 95ރ. އަށް ބޮޑުވެއްޖެއެވެ. ޔޭޔޭ ކޮފީ ބޮޑު ޕެކެޓް 50ރ. އިން 105ރ. އަށް އަރައިފިއެވެ. އެންމެ ގިނަ ބަޔަކު ބޮއެ އުޅޭ ކޯސްޓް ކިރު 300ރ. އިން 360ރ. އަށް އުފުލިއްޖެއެވެ. ފެލިވަރު މަސްދަޅެއްގެ އަގު ހުރީ 20ރ. އަށް އަރާފައެވެ.
އާންމުކޮށް ގޭގެއަށް ގަންނަ ބާވަތްތަކުގެ އަގު އުފުލުމުގެ މައްޗަށް ބާޒާރު ކޮތަޅުގެ އަގައި ކުނި އުކަން ނަގާ އަގު އުފުލިގެން ދިޔުމުން އެވްރެޖް ކޮށް ކުރަން ޖެހޭ ހަރަދު އިންފްލޭޝަން ދަށަށް ދިޔަޔަސް ކުޑައެއް ނުވެއެވެ.
ރައީސް ވިދާޅުވީ، އައިއެމްއެފް އާއި ވޯލްޑް ބޭންކުން އެ ދުވަހު [ކުރިން] އަންދާޒާ ކޮށްފައި އޮތީ ރާއްޖޭގެ އިންފްލޭޝަން، 5.4 އިންސައްތައަށް މައްޗަށް ދާނޭ ކަމަށް ނަމަވެސް ސަރުކާރުން މި އަހަރު އަޅަންފެށި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން 3.4 އިންސައްތައިގައި އިންފްލޭޝަން ހިފެހެއްޓިފައި ހުރި ކަމަށެވެ.
އަގުތައް ހިހެއްޓިފައި ހުރިކަމަށް ރައީސް ވިދާޅުވާ ވާހަކަފުޅު އެ ވިދާޅުވާ މާނައިގައި ރަނގަޅެވެ. ބޮޑުތަނުން އަގުތައް މައްޗަށް ގޮސް ދެން މިހާރު ހުރީ ހިފެހެއްޓިފައެވެ. ނަމަވެސް އަގުތައް މައްޗަށް ދިޔަ އިރުވެސް ލިބުނު އާމްދަނީ އަށް މިއަދުވެސް ބަދަލެއް އައިސްފައި ނުވުމުން ނުވަތަ އިތުރު ވެފައި ނުވުމުން އަތުން ދާ އެއްޗެއް އިހަށް ވުރެ ބޮޑު ވުމަކީ ރައްޔިތު މީހާގެ ނަޒަރުން ތަކެތީގެ އަގު ބޮޑުވުމެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ހިސާބުތައްވެސް ދައްކަނީ އެ މަންޒަރެވެ. މީގެ ކުރިން އެވްރެޖް 97 ޕަސެންޓުގައި ހުރި ސީޕީއައި މިހާރު ހުރީ 101.88 ޕަސެންޓުގައެވެ. ސީޕީއައި މިން ކުރަނީ އެވްރެޖްކޮށް ގޭބިސީއަކަށް ގަންނަ މުދަލަށް ޖެހޭ އަގަށް ބަލައިގެންނެވެ. މި މަންޒަރު ހިސާބު އަދަދުން ކުރަހާލީމައި އެވްރެޖް ކޮށް 0.40 ޕަސެންޓުގެ ހަރަދެއް މިހާރު އިތުރުވެއެވެ. އެއީ އެވްރެޖްކޮށް 40ރ. ގެ ބޮޑުވުމެކެވެ.
މިދޭތެރެއަކުން އެކިދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރި ނަމަވެސް އެ ބޮޑުކުރުމުގެ އިހުސާސް އެންމެނަށް ނުވާ އެއް ސަބަބަކީވެސް ބާޒާރުގެ އަގުތައް އުފުލުމާއި ހިދުމަތުގެ އަގުތައް އުފުލިފައި ވުމެވެ. މުސާރައާއެކު ތަކެތީގެ އަގުތައް ވިޔަފާރިވެރިން ބޮޑު ކުރެއެވެ. ހިދުމަތް ދޭ ފަރާތްތަކުން ހިދުމަތުގެ އަގު ބޮޑުކުރެއެވެ.
ދެން އެފަރާތްތަކުން ހުއްޖަތަކަށް ދައްކަނީ، ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމުން ރާއްޖެއިން ބޭރުން މުދާ ގަނެގެން ރާއްޖެއަށް ގެންނަން ޖެހޭ އަގު ބޮޑުވާކަމަށެވެ. އެވާހަކައިގައި ވެސް ހަގީގަތެއް އެބައޮތެވެ. ރާއްޖެއިން ބޭރުން ހެޔޮކޮށް މުދާލިބުނަސް އެ މުދާ ގަންނަން ޖެހެނީ ޑޮލަރުން ކަމަށް ވާއިރު ރާއްޖޭގެ މާލީ އިދާރާތަކުގައި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދިނުމުގެ ހަކަތައެއް ނެތެވެ. ނުވަތަ ނުދެއެވެ. އެހެން ކަމުން ކަޅުބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެ މުދާ އެތެރެ ކޮށް ވިއްކާއިރު އެ މުދާ ވިއްކޭނީ ޑޮލަރު ގަންނަން ލިބޭ އަގުން ޖެހޭ ނިސްބަތް މުދަލުގެ އަގުގެ ތެރެއަށް ލައިގެންނެވެ.
ރާއްޖޭގެ މާލީ އިންތިޒާމްތައް ހުންނަ ގޮތުން މުސާރައާއި އެނޫންވެސް ޑޮލަރުގެ މުއާމަލާތްތައް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވަދެ ބޭރަށް ދިޔުން ހުއްޓުވާލެވިފައެއް ނުވެއެވެ.
އިންފްލޭޝަން ދަށަށް ދާތަށް ރައްޔިތުންނަށް ފެނުމަށްޓަކައި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ނާޅާ ނަމަ ނުވަތަ ނޭޅޭނަމަ ތަކެތީގެ އަގު ދަށްވާތަން ރައީސަށް އެކަނި ފެނިވަޑައިގަނެގެން ހަމަޖެއްސޭކަށް ނެތެވެ.