މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒު ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވި ބަޔަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ޖޫން 28، 2023 ވަނަ ދުވަހުގެ ފަތިހު، މާލެ މަޖީދީމަގު ގަލޮޅު ދަނޑު ސަރަހައްދުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަނީ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތޫ ހޯދުމަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އީދު ދުވަހުގެ ފަތިހު ހިނގި މި އެކްސިޑެންޓަކީ ފަތިސް ނަމާދަށް ފަހު ހަފީޒް ގެއަށް ވަޑައިގަންނަވަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓަށް ފަހު އޭނާ އަށް ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް ހަފީޒް އިންޑިއާއަށް ފުރުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލް ދުއްވަން އިން މީހާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވުމުން އާންމުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެފައިވެއެވެ. އެކަމާގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުން ފަސްކުރީ އެކްސިޑެންޓްގައި އޭނާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާދެމުން ދާތީ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައި ދިނުމުގައި ހޭދަކޮށްފައެވެ.