މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ދަރިންގެ ހަރަދުގެ ގޮތުގައި 41.1 މިލިއަން ރުފިޔާ ފެމިލީ ކޯޓަށް ދައްކަން ޖެހޭ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން ނެރުނު މިދިޔަ 6 މަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ މުއްދަތުގައި ދަރިންގެ ހަރަދު ސާބިތުވާ 185 ކުދިން ތިބިއިރު އިއްދަ އާއި ވިހެއުމުގެ ހަރަދު ސާބިތުވާ 180 މީހަކު ތިއްބެވެ.
ފެމިލީ ކޯޓުން ބުނީ އެ މުއްދަތުގެ ތެރޭގައި ދަރިންގެ ހަރަދަށް 41.1 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އޭގެ ތެރެއިން ކޯޓަށް ދެއްކީ 20.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދަރިންގެ ހަރަދުގެ ގޮތުގައި ކޯޓުން ބަލައިގަތް ފައިސާގެ ތެރެއިން 21.2 މިލިއަން ރުފިޔާ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުދިންނަށް ދޫކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.
ފެމިލީ ކޯޓުން ބުނީ އިއްދައާއި ވިހެއުމުގެ ހަރަދަށް އެ މުއްދަތުގެ ތެރޭގައި 5.3 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށާއި އެހެންނަމަވެސް ލިބުނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެތެރެއިން 1.1 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.
އަނބިމީހާގެ ހަރަދުގެ ގޮތުގައި 152،000 ރުފިޔާ ކޯޓަށް ދައްކަން ޖެހޭއިރު 34،000 ވަނީ ކޯޓަށް ލިބިފައެވެ. އަދި އޭގެ ތެރެއިން 31،000 ރުފިޔާ ކޯޓުން ދޫކޮށްފައިވާ ކަމަށް ކޯޓުގެ ތަފާސް ހިސާބުތަކުން އެނގެއެވެ.
މީގެއިތުރުން ދަރިންގެ ބޯހިޔާވަހިކަމާއި އެހެނިހެން ހަރަދުގެ ގޮތުގައި 772،115.27 ރުފިޔާ ކޯޓަށް ލިބެން ޖެހޭ ކަމަށާއި އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ކޯޓަށް ލިބުނީ 130،498.35 ރުފިޔާ ކަމަށް ކޯޓުން ބުނެއެވެ. އަދި އެ ފައިސާގެ ތެރެއިން 88،726.44 ރުފިޔާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.