ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ފުރޭތަ" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.
ފިލްމުގެ ޓްރެއިލާ ފެށިގެން ދަނީ ފިލްމުގެ ލީޑު އެކްޓަރު ޝަރަފް އަބްދުﷲގެ ހަޅޭކާއެކުގައެވެ. ކުޑަކުއްޖެއްގެ ހިނިތުންވުމާއެކު ޓްރެއިލާ ފެށޭއިރު ދެން ފެނިގެންދަނީ ޝަރަފް ހީ ސަމާސާކުރާ މަންޒަރެވެ. ޓްރެއިލާ އިން ދެން އަޑުއިވިގެން ދަނީ އަންހެނަކު، ހުސައިން އަކީ ރުޅިއަންނަންވެސް ނޭނގޭ މީހެކޭ ބުނާ އަޑެވެ. ބެލެވޭ ގޮތުގައި ހުސައިން އަކީ މި ފިލްމުގެ އެންމެ ވަރުގަދަ އެއް ކެރެކްޓާއެވެ. ޓްރެއިލާގެ މަންޒަރު ބަދަލުވެގެން ދިޔައީ މިހިސާބުންނެވެ. ޝަރަފްގެ އެކްޝަން މަންޒަރުތަކެއް ފެނިގެން ދިޔައިރު އެކްޓަރު ރަވީ ފާރޫގް ކޮންމެވެސް މީހެއް މަރާލާ މަންޒަރުވެސް ފެނިގެންދެއެވެ. ތަޅާފޮޅުން ގިނަ މަންޒަރު ފިލްމުގެ ޓްރެއިލާ އިން ފެނިގެންދާއިރު އެއިން އެންމެ ފާހަގަކޮށްލެވުނީ ޓްރެއިލާ ނިމެންދިޔައިރު ޝަރަފް ބުނ ވާހަކައެކެވެ. "ވޯޓު ކައިރިވާ ވަރަކަށް ކޮންމެ މީހަކުވެސް އަންނާނެ އިންސާފޭ އިންސާފޭ ގޮވަމުން" މިހެންނެވެ. އެއް މިނެޓާއި 36 ސިކުންތުގެ މި ޓްރެއިލާ ނިމިގެން ދަނީ ޝަރަފް ކޮންމެވެސް މީހެއްގެ ގަޔަށް ވަޅިއެއް ޖަހާ ހިސާބުންނެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ. މި ފިލްމަކީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފިލްމެކެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ މިއަހަރު އެމީހުންގެ ފިލްމު "ބީވީމާ" އޮލިމްޕަހަށް ގެނެއްސައެވެ.