ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމެންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތުކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ. ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އާބަންކޯގެ އިތުރުން، ހަންބޯ ކުންފުނިން ވެސް ވަނީ މަމްދޫހުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައެވެ.

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ކުރީގެ އަމުރު މުރާޖައާ ކުރުމަށް ފަހުއެވެ. އޭރު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި އަދި އިސްތިއުނާފް ކުރެވެންދެން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. މިދިޔަ ހަފްތާގައި ޕީޖީން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވީ ނަމަވެސް އަދި އެ މައްސަލަ އެ ކޯޓުން ބަލައިގެން ކަން ކަށަވަރެއް ނުވެއެވެ.

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ވަނީ ފިލަން މަސައްކަތް ކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އެދިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރާ އެކު މި މަހުގެ 6 ވަނަ ދުވަހު މަންޑޭ ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިނގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން މަންޑޭ ހައްޔަރުކޮށްފައިވާ އިރު، މަމްދޫހާ ގުޅުން ހުރި އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދިވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.