ފިލްމު ކުންފުނި އައިފިލްމްސް އިން ނެރޭ ދެވަނަ ފީޗާ ފިލްމު "ނީނާ" ނެރެން ގާތްވަމުން އަންނަ ދަނޑިވަޅުގައި އެ ފިލްމުގެ ރަސްމީ ޓްރެއިލާ ނެރެފިއެވެ.
2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނަށް ގެނެސްދިން "ބަވަތި" ވެސް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކުރާ މި ފިލްމަކީ ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. ނުޒޫ އާއެކު މި ފިލްމުގައި ދެން ފެނިގެންދާނެ ލީޑު ތަރިއަކީ ޝަރަފް އަބްދުﷲއެވެ. ޓްރެއިލާ ފެށިގެންދަނީ ނުޒޫ އާއި ޝަރަފްގެ ލޯބީގެ ގުޅުމުގެ ވާހަކައިންނެވެ. ދެމީހުން ލޯބިވެ ކައިވެނިކޮށް ދަރިއަކު ލިބޭ ހިސާބުން، ޓްރެއިލާ އިން ދެން ފެނިގެންދަނީ އެދެމީހުންގެ ދިރިއުޅުން ބަދަލުވާ ހިސާބެވެ. "ނީނާ"، ވަރުގަދަ ޓްރެއިނިން ތަކެއް ހަދައި މީހުންނާ ތަޅާފޮޅަން ނުކުންނަ މަންޒަރު ފެނެއެވެ. ޓްރެއިލާގައި ނީނާގެ މައިދައިތަ ނީނާ އަށް ދިން ނަސޭހަތަށް ގިނަ ބަޔަކު ޝައުގުވެރިކަން އުފެދުނެވެ. ނީނާ ގެ މައިދައިތަ ބުނީ "މަރަންޏާ މަރާ" ށެވެ. އެ ނަސޭހަތާއެކު ގަބޫލުކުރެވެނީ މި ފިލްމުގައި ނީނާ ކޮންމެވެސް މީހަކު މަރާލާނެ ކަމަށެވެ. ސަބަބަކީ ނީނާ ގެ ކެރެކްޓާ އަކީ ފިލްމުގައި ވަރަށް ވަރުގަދަ ކެރެކްޓާއަކަށް ވުމުންނެވެ. ޓްރެއިލާ އިން ވެސް ވަރުގަދަ އެކްޝަން މަންޒަރުތައް ފެނުނެވެ.
ފިލްމުގެ 30 ޝޯ އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމާފައި ވާއިރު މި ފިލްމަކީ މިއަހަރު ސިނަމާއަށް ނެރޭނެ އެންމެ އުއްމީދީ އެއް ފިލްމެވެ. ބެލެވޭ ގޮތުގައި މި ފިލްމުވެގެންދާނީ މިއަހަރު ސިނަމާގައި އަޅުވާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. ނުޒޫގެ ތަފާތު ލުކްތަކަކާއެކު މި ފިލްމު އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހަށް ނުކުންނަން ތައްޔާރު ވަމުން އަންނައިރު އިއްޔެ ރިލީޒްކުރި ފިލްމުގެ ޓްރެއިލާ އަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. މި ފިލްމުގައި ތަފާތު މޮޅު އެކްޝަން މަންޒަރުތަކެއް ފެންނާނެއެވެ. ފިލްމު ކުޅުމަށް ނުޒޫ ވަނީ ހާއްސަ ތަމްރީނެއްވެސް ފުރިހަމަ ކޮށްފައެވެ.
މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.