އެމްޕީއެލްގެ އަހަރީ ސްޓާފް ނައިޓް ރޭ ބާއްވައިފިއެވެ.
ރޭ ހެންވޭރު ބޯޅަ ދަނޑުގައި ރޭ ބޭއްވި އެ ހަފްލާގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ޗެއާމަން ކެޕްޓަން މުހައްމަދު ޝަފީފާއި ބޯޑު މެންބަރުންނާއި ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
އެ ހަފްލާއަކީ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ސްޓާފް ނައިޓަކަށްވާއިރު އެ ހަފްލާގައި ވަނީ ކުންފުނީގެ އާ ލޯގޯއާއި ކުލަ އަދި ބްރޭންޑް ލޯންޗްކޮށްފައެވެ.
އެންމެ ފުރަތަމަ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު، 2008 ވަނަ އަހަރު އެމްޕީއޭ ކޯޕޮޓަރައިޒްކޮށް، ސަރުކާރުން 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް މިހާތަނަށް އެމްޕީއެލްއިން ވެސް ބޭނުން ކުރަމުން ދިޔައީ މީގެ 27 ވަރަކަށް ކުރިން އެމްޕީއޭ އިން ބޭނުން ކުރި ލޯގޯ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރީބްރޭންޑިންނާއެކު ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓު އޮޕަރޭޝަންސްގެ އެކި ދާއިރާތަކާ ގުޅޭގޮތަށް ޔުނީފޯމް ތައްޔާރު ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުން ކުރަމުންދާ ގޮތަށް، ޕޯޓު އޮޕަރޭޝަންސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާކަށް ނުޖެހޭނެ ކަމަށާއި މިހާރު ތައްޔާރުކޮށްފައިވާ ޔުނީފޯމްގައި "ހައި ވިޒިބިލިޓީ" ފަށްތަށް ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ އެމްޕީއެލްއަށް ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑްދީފައިވާ ކަމަށާއި އެގޮތުން 20 އަހަރާއި 25 އަހަރު އަދި 30 އަހަރުގެ މުއްދަތަކަށް ކުންފުންޏަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފައިވާ ކަމަށެވެ. އަދި ކުޅިވަރު މުބާރާތްތަކުގައި ކުންފުންޏަށް ރީތި ވަނަތައް ހޯދައިދިން މުވައްޒަފުންނަށާއި އެކި ގޮތްގޮތުން ކުންފުނީގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑް ދީފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ސީއީއޯ ޝަހީދު ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މުވައްޒަފުންގެ ކުރިއެރުމަށް ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އަދި އެމްޕީއެލްގެ މަސައްކަތުގައި ކުންފުނީގެ މުވައްޒަފުންގެ މުހިއްމުކަން ފާހަގަކޮށް، މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.